އިތުރު ހަމަލާއަކާއި ގުޅިގެން ކިންގް ޚާލިދު އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފި

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޙަމަލާއެއްގައި ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
ސަޢުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެއާޕޯޓަށް ޙަމަލާއެއް ދީފައިވާ ކަމަށާއި، އަދި މި ޙަމަލާގައި އަނިޔާވި މީހުންގެ ސީދާ ޢަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެއާޕޯޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށާއި، އެއާޕޯޓުގެ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އިތުރު ތަފްޞީލް ފަހުން ހާމަކުރާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި ބަޔާނުގައި، މި ޙަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުވަތަ ޙަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރުގެ ބާވަތެއް ހާމަކޮށްފައެއް ނުވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީން ވަނީ، ފްލައިޓުތައް ކެންސަލްވުމުގެ ނުވަތަ ޑިލޭވުމުގެ ސަބަބުން ދަތުރަށް ބުރޫއަރާފައިވާ ސައުދީ ރައްޔިތުން، އެމީހުން މިހާރު ތިބި ޤައުމެއްގައި ހުންނަ ސަޢުދީ ޑިޕްލޮމެޓިކް މިޝަންތަކަށް (އެމްބަސީތަކަށް) ގުޅުމަށް އިލްތިމާސްކޮށްފައެވެ. މިނިސްޓްރީން ބުނިގޮތުގައި، މި މިޝަންތަކުން ދަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދޭނެއެވެ.
ސަޢުދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީތަކުންވެސް ވަނީ، މި ޙަމަލާތަކާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރެދާނެތީއާއި ދަތުރުފަތުރަށް ބުރޫއަރާފާނެތީ، އެ ޤައުމުތަކުގެ ރައްޔިތުން ކިންގް ޚާލިދު އެއާޕޯޓަށް ދިއުމުން ދުރުހެލިވުމަށް ހޮނިހިރު ދުވަހު ގޮވާލާފައެވެ.
ހޮނިހިރު ދުވަހުގެ ކުރީކޮޅު، ކިންގް ޚާލިދު އެއާޕޯޓުން ވަނީ ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާ ކަމުގެ ރިޕޯޓްތަކާއެކު، ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން އެމީހުން ދަތުރުކުރާ އެއާލައިންތަކާ ސީދާ ގުޅައި ފްލައިޓުގެ ހާލަތު ޗެކްކުރުމަށް އިލްތިމާސްކޮށްފައެވެ.
ނަމަވެސް އެއާޕޯޓުން ފުރަތަމަ ނެރުނު އިރުޝާދުގައި މި ބުރޫއެރުންތައް ދިމާވާން މެދުވެރިވި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.
ކުވެއިތު އެއާވޭސްއިންވެސް ހޮނިހިރު ދުވަހު ވަނީ، "ސަލާމަތީ ޙާލަތާ" ގުޅިގެން އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން، ކުވެއިތުން ރިޔާޟަށް ދަތުރުކުރާ ފްލައިޓާއި އެނބުރި އަންނަ ފްލައިޓު ކެންސަލްކޮށްފައިވާކަން އިޢުލާންކޮށްފައެވެ. އެ އެއާލައިނުން ވަނީ ބުކިން ހަދާއިރު ރަޖިސްޓްރީކޮށްފައިވާ ނަންބަރުތަކަށް މެސެޖު ފޮނުވާނެ ކަމަށް ބުނެ، ރަސްމީ ވަސީލަތްތަކުން ފްލައިޓުގެ މަޢުލޫމާތު ބެލުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.
އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައި މިވަނީ، ސައުދީގެ އެއާޕޯޓްތަކަށާއި އެހެނިހެން ވަސީލަތްތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ސިލްސިލާ ޙަމަލާތަކާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ސަޢުދީ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނިގޮތުގައި، ކިންގް ޚާލިދު އެއާޕޯޓުގެ ވަސީލަތްތަކަށާއި ސައުދީ އެރޭބިއަން އެއާލައިންސްގެ ބޯޓަކަށް އަމާޒުކޮށް ބުރާސްފަތި ދުވަހު ދިން ދެ ޙަމަލާއެއްގައި ސަޢުދީގެ ތިން ރައްޔިތުން މަރުވެ، އެހެން ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އޭގެ ފަހުން އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި، ވައިގެ ދަތުރުފަތުރު އާންމު ހާލަތަށް ރުޖޫޢަވި ކަމަށް ބުނެފައިވެއެވެ.
ފަހަކަށް އައިސް ކިންގް ޚާލިދު އެއާޕޯޓަށާއި ސަޢުދީގެ އެހެން އެއާޕޯޓްތަކަށް ދީފައިވާ މިސައިލް އަދި ޑްރޯން ޙަމަލާތަކުގެ ޒިންމާ ހޫތީން ވަނީ އުފުލާފައެވެ. ޔަމަނުގެ ވެރިރަށް ސަންޢާ އާއި ބައެއް ޕްރޮވިންސްތަކުގެ ކޮންޓްރޯލް ސެޕްޓެމްބަރު 2014 ގައި ހޫތީން އަތުލި ފަހުން އެ ޤައުމު ވަނީ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ސަޢުދީ އިސްވެ އޮންނަ ކޯލިޝަނުން އެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ މާރިޗު 2015 ގައެވެ.

.gif.gif&w=828&q=100)


