ރިޔާޟް އެއާޕޯޓަށް ދިން ހަމަލާއެއްގައި ސަޢުދީ ޕައިލެޓަކު ޝަހީދުވެއްޖެ

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާއެއްގައި ސަޢުދީ ޕައިލެޓަކު ޝަހީދުވެއްޖެއެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ހަމަލާތަކެއްގައި، ސައޫދީ ގައުމީ އެއާލައިން (ސައޫދިއާ) ގެ ސީނިއާ ޕައިލެޓެއް ކަމަށްވާ ކެޕްޓަން ޙަމޫދު ޢަލީ އަލް-ގަޙްޠާނީ ޝަހީދުވެފައިވާ ކަމަށް އެ އެއާލައިނުން ކަށަވަރުކޮށްދީފިއެވެ.
ސައޫދިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި އެއާޕޯޓުގެ ގްރައުންޑުގައި ޕާކުކޮށްފައި އޮތް އެ އެއާލައިންގެ ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ނަމަވެސް ހަމަލާދިން ވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށް އެއާލައިނުން ބުނެއެވެ. ކެޕްޓަން ޙަމޫދު އަވަހާރަވީ މި ހަމަލާގެ ސަބަބުން އެއާޕޯޓަށް ލިބުނު ގެއްލުންތަކުގެ ތެރޭގައެވެ.
ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި ބުރާސްފަތި ދުވަހު ރިޔާޟް އެއާޕޯޓަށް ދެ ހަމަލާއެއް އަމާޒުވިއެވެ. ފުރަތަމަ ހަމަލާ އަމާޒުވީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުވީ ސައޫދީ އެއާލައިންސްގެ ބޯޓަށެވެ. މި ހަމަލާތަކުގައި ޖުމްލަ 3 ސައޫދީ ރައްޔިތުން މަރުވެ، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިން ވަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ރިޔާޟް އެއާޕޯޓަށް ދިން މި ހަމަލާގެ ޒިންމާ އުފުލާފައެވެ. ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި ބޯޓަށް ގެއްލުންވީ މިސައިލްގެ ބައިތައް ވެއްޓިގެން ނުވަތަ ސީދާ މިސައިލް އެއާޕޯޓަށް އެރުމުގެ ސަބަބުންނެވެ.
މި ހަމަލާއާ ގުޅިގެން ކުއްލި ޙާލަތުގެ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. ސައޫދީ ސަރުކާރުން ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ޖެހިއިރު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ އަލުން އާންމު ހާލަތަކަށް ގެނެސްފައެއެވެ.
މި ދުވަސްވަރަކީ ސައޫދީއާއި ޔަމަނުގެ ބޯޑަރު ސަރަޙައްދުގައި ހަމަލާތައް ވަރުގަދަވެ، ސައޫދީގެ ދެކުނުގައި އޮންނަ އަބްހާ އެއާޕޯޓަށްވެސް ހޫޘީންގެ ހަމަލާތައް އަމާޒުވަމުންދާ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ. މި ނުރައްކާތަކާ ގުޅިގެން ބައެއް ބައިނަލްއަޤްވާމީ އެއާލައިންތަކުން ވަނީ ރިޔާޟަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.

.gif.gif&w=828&q=100)


