ފައިސަލްގެ ރަނިންމޭޓްގެ ނަން އިޢުލާނު ކުރުމުން ނަޝީދު ކަންބޮޑުވެއްޖެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާނު ކުރައްވަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެޕާޓީގެ ޗެއާޕާސަން، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެކަން އިޢުލާނު ކުރައްވަމުން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެމަނިކުފާނުގެ ރަނިންމޭޓަކީ މިހާރުގެ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްކަން އިޢުލާނު ކުރައްވައިފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޅުން ރަނިންމޭޓެއް އިއުލާނު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ރަނިންމޭޓު ކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރެޖެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ޕާޓީ އިލެކްޝަނަށް ނުކުންނައިރު، އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމު ކުރެވޭނެ ގޮތަކަށް ތިބެން ބޭނުންތެރި. ރަނިންމޭޓް ކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާގައި ލެވެރެޖެއް. އެ ލެވެރެޖް ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލު ނުކުރައްވާނެ ކަމަށް އުންމީދު ކުރަން" ނަޝީދު ވިދާޅުވިއެވެ.
ފައިސަލް ފިޔަވައި އެމްޑީޕީން ވާދަކުރައްވާ އިތުރު އެއްވެސް ބޭފުޅަކު ރަނިންމޭޓަކު އިއުލާނު ކުރައްވާފައެއް ނުވެއެވެ.
ފައިސަލްގެ އިތުރުން އެމްޑީޕީން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައި ވަނީ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާޢީލް، އެމްޑީޕީގެ ކުރީގެ ރައީސް، ޢަބްދުﷲ ޝަހީދު، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު، އަޙުމަދު ޝަމްހީދުއެވެ. މި ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ޓިކެޓު ލިބޭނީ ޕްރައިމަރީން ހޮވޭ ފަރާތަކަށެވެ.
އިތުރަށް





.gif.gif&w=828&q=100)