logologologologo
STO
ޚަބަރު

2033 އަށް ފައްޔާޒު މަޑުކޮއްލެއްވުމަށްފަހު 2028 ވަނަ އަހަރު ނަޝީދު ރިޔާސީ ރޭހަށް ނެރެން ގޮވާލައިފި

2033 އަށް ފައްޔާޒު މަޑުކޮއްލެއްވުމަށްފަހު 2028 ވަނަ އަހަރު ނަޝީދު ރިޔާސީ ރޭހަށް ނެރެން ގޮވާލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 10

އިދިކޮޅު އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ތާއީދުކުރާކަން ހާމަކޮށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފަހަތަށް ޖެހެން އެމްޑީޕީގެ ބައެއް މެމްބަރުން ރޭ ގޮވާލައިފިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އެގޮތަށް ގޮވާލީ، ނަޝީދާއި ފައްޔާޒްއާ އެކުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ނަޝީދު ވާދަނުކުރައްވާނެ ކަން މީގެކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް އެ މަނިކުފާނު ހުންނަވާވީ ކުރިއްސުރެ ވިދާޅުވަމުން ގެންދެވި ގޮތަށް ފައްޔާޒަށް ތާއީދު ކުރައްވައިގެންނެވެ.

ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފައެވެ.

ނަޝީދާއި ފައްޔާޒް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ގޮވާލާފައިވަނީ 2033 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ފައްޔާޒަށް ވާދަކުރެއްވުމަށެވެ. އަދި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް ބައެއް މެމްބަރުން އެދުނެވެ.

އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހިމެނިވަޑައިގަންނަވައެވެ. އެ ބައްދަލުވުމުގައި އޭނާ ވާހަކަ ދައްކަވާ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ބޮންޑެއަކީ ނަޝީދުގެ ވަރަށް އަރިސް، އަދި އެމަނިކުފާނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ.

 ބޮންޑެ ވިދާޅުވި ގޮތުގައި "ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި" އޮންނަން ޖެހޭނީ ނަޝީދުގެ ނަމެވެ. "ނައިބު ރައީސް" ގެ ގޮތުގައި އޮންނަން ޖެހޭނީ ފައްޔާޒްގެ ނަން ކަމަށް ވިދާޅުވިއެވެ.

"މިފަހަރު، ރައީސް (ނަޝީދު) ވިދާޅުވާ ވިދާޅުވުމަކަށް މި ބޭފުޅުން ވޯޓުލައްވާނެ ހެން ހިއެއް ނުވޭ. އެހެންވެ، ވަރަށް ސާފުކޮށް މި ދަންނަވަނީ އިތުބާރަކީ އަމާނާތެއް." ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކޮށް ދެއްވުމަށް އެމްޑީޕީގެ އާންމު މެމްބަރުންގެ އަރިހުން ނަޝީދު އެދިވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ބޮންޑެ ވިދާޅުވިއެވެ.

 

View post on Twitter

 

"އަޅުގަނޑު ބޭނުން ވަނީ ރައީސް ނަޝީދުގެ ނަން އޮންނަން. ފަޔާ ދެން އަންނަ ދައުރެއްގައި ކުރިމަތިލާ ގޮތަށް. ވަރަށް އުނދަގޫވާނެ އަޅުގަނޑަށް ވޯޓު ދޭން ވެސް." ބޮންޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ފައްޔާޒްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން، ސޯލިހް ވެސް ގެންގުޅުއްވައެވެ. އެކަމަކު، ފާޅުގައި ކެމްޕެއިން ކުރައްވަނީ ފައްޔާޒާއި ޝާހިދެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް