logologologologo
STO
ޚަބަރު

ބިރަކާނުލާ މަޖާކުރަން ބޭނުންވާފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ މިޔުޒިކު މަނާކުރެވިގެން ނުވާނެ ކަމަށް

ބިރަކާނުލާ މަޖާކުރަން ބޭނުންވާފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ މިޔުޒިކު މަނާކުރެވިގެން ނުވާނެ ކަމަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 29

އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ކެންސަލް ކުރަންޖެހުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނުރުހުންފާޅުކުރައްވައިފިއެވެ.

އުބާ އިވެންޓްސްއިން އިންތިޒާމުކޮށްގެން ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މި ޝޯ އެތަނުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ޔޫތު އެމްޕަވަމަންޓް މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި ކަމަށާ، މި އެންގުން އައިއިރު، ޝޯ ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރުގައި ސްޓޭޖު ބަހައްޓައި، އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'އައްބާ' ގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑު ކަމަށެވެ. އަދި އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ޝޯ މަނާ ކުރެވިގެން، މިޔުޒިކު މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގެން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، މިއީ ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މި ޝޯއަށް ބޭނުންވާ ސްޕޮންސަރުން ހޯދައި، ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށް، ގިނަ އަދަދެއްގެ ޓިކެޓު ވެސް ވަނީ ވިއްކާފައެވެ. އަދި ޝޯގައި ހުށަހަޅައިދިނުމަށްޓަކައި ބޭންޑުގެ މެންބަރުން ރޭގެ ވަގުތެއްގައި ސިންގަޕޯ އެއާލައިންސްގެ ފްލައިޓުން ރާއްޖެ ވަނީ އައިސްފައެވެ.

ރައީސް ނަޝީދު އަކީ މީގެ ކުރިންވެސް ބިރަކާނުލާ މަޖާ ކުރެވެންޖެހޭނެ ކަމަށް ބުނަމުން އައި ބެފުޅެކެވެ. އެމަނިކުފާނު ގެންގުޅުއްވި ދީނާ ދުރު ބައެއް ސިޔާސަތު ތަކަށް ރާއްޖޭގެ ގިނަ އަދަދދެއްގެ އިލްމުވެރިންގެ ފާޑުކިޔުން ވެސް މީގެ ކުރިން އެމަނިކުފާނަށް ވަނީ އަމާޒު ވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް