logologologologo
STO
ޚަބަރު

އިބޫ ދެން ވެރިކަމަށް އައުމަކީ "ނަނާ ހުވަފެނެއް" : ނަޝީދު

އިބޫ ދެން ވެރިކަމަށް އައުމަކީ "ނަނާ ހުވަފެނެއް" : ނަޝީދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 13

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާދަކުރައްވަން ނިންމެވުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސޯލިހު މި ނިންމެވުން ނިންމެވީ އިއްޔެ އެމަނިކުފާނުގެ އަރިސް އެމްޑީޕީގެ ޓީމަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް ދުވެލިއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އިބޫ އަދި ރަސްމީކޮށް މިކަން އިޢުލާން ނުކުރެއްވި ނަމަވެސް، އެ ބައްދަލުވުމަށްފަހު އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު ވަނީ މީޑިއާގައި ރިޕޯޓްކޮށްފައެވެ.

މި ޚަބަރު ފެންމަތިވުމާއެކު، ނަޝީދު ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްމަރުހޫމް ހުސައިން ސަލާހުއްދީން ހައްދަވާފައިވާ މަޝްހޫރު ޅެން "ނަނާ ހުވަފެން ދުށީމޭ" ހިއްސާކުރައްވައި އިބޫއަށް ފާޑުވިދާޅުވެފައެވެ. ނަޝީދުގެ މި ރައްދުން ދޭހަވަނީ ސޯލިހު އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ އުންމީދަކީ ހަގީގަތަކަށް ނުވާނެ "ނަނާ ހުވަފެނެއް" ކަމަށެވެ.

"ނަނާ ހުވަފެން ދުށީމޭ" ޅެމުން ދޭހަވަނީ ދުނިޔަވީ ބާތިލު އުންމީދުތަކާއި ޚިޔާލީ ދުނިޔެއެވެ. އެ ޅެމަކީ މީހަކަށް ހުވަފެނުން ފެންނަ ކަންތައްތަކެއް ކިޔައިދޭ ޅެމެކެވެ.

ނައިފަރު ދޮހޮއްކޮގެ އަޑުން ކިޔާފައިވާ މި މަޝްހޫރު ޅެމުގެ ބައެއް ބައިތުތައް ނަޝީދު ވަނީ ނަކަލުކުރައްވާފައެވެ. އޭގެ ތެރޭގައި:
"ނަނާ ހުވަފެން ދުށީމޭ ދަރާ ވާ ހިނދު ދުނިޔެއިން،
ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ."މީގެ އިތުރުން "ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތެއް މަތީގާ ނިދީތީއޭ" ފަދަ ބައިތުތައް ހިމަނައިގެން ނަޝީދު ދެއްވި މި ރައްދަކީ، ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ހާމަވެގެންދިޔަ ކަމެކެވެ.

ސޯލިހު ވެރިކަމަށް ކުރިމަތި ލައްވާނެކަމަށް އަޑު ފެތުރިފައިވާއިރު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރާނީ އެމަނިކުފާނު ކަމަށް މިއަދު ވިދާޅުވެފަ އެވެ. ފައްޔާޒުގެ އިތުރުން އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހްމަދު ޝަމްހީދުވެސް އަންނަނީ 2028 އަށް ތައްޔާރު ވަމުންނެވެ.

އެންމެ ފަހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ތާއީދުއޮތީ ފައްޔާޒުއަށް ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ވެރިކަން ހޯއްދަވަން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށް ވުމުން އެނިންމުން ބަދަލުވުމަކީ ވަރަށް ގާތް ކަމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް