ފެކްޓް ޗެކް: ރައީސް ނަޝީދު ސަރުކާރުން އިޒްރޭލާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރި

"ދިވެހިރާއްޖޭގެ އާ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަސަައްކަތް ކުރާނެ."
އެއީ، އެމެރިކާގެ ނިއުޔޯކުގައި ސެޕްޓެމްބަރު 24، 2009، ގައި ބޭއްވި، އދ. ގެ އާންމު މަޖިލީހުގެ 64 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ އެއިރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ހައްސާސް ވާހަކަކޮޅެވެ.
މިއަދު ޕޯޑިއަމްގައި އަޅުގަނޑުމެންނަކީ ފަލަސްތީނާއެކު ތިބި ބައެއް ކަމަށާއި އިޒްރޭލާ ގުޅުން ބަދަހި ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން އިޒްރޭލާ ގުޅުން ބަދަހިކުރަން މަަސައްކަތް ކުރި ކަމަކީ ފަސްއަޅާ ފޮރުވާ ނުލެވޭނެ ކަމެކެވެ.
ދިވެހިރާއްޖޭގެ އާ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަސަައްކަތް ކުރާނެ ކަމަށް ވިދާޅުވުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުން 35 އަހަރު ވަންދެން ރާއްޖެއިން އިޒްރޭލާއެކު ކަނޑާލާފައި އޮތް ގުޅުން ބަދަހި ކުރަން ސަރުކާރުގެ އެކި ގޮތްގޮތުން މަސައްކަތް ކުރަން ފެށި ތަން ފެނިގެން ދިޔައެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އިޒްރޭލާ ގުޅުން ބަދަހިކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ރާއްޖޭގެ ފޮރިން މިނިސްޓަރަކު އަލަށް އިޒްރޭލަށް ވަޑައިގަތުމާއި އިޒްރޭލުގެ އެމްބެސަޑަރަކާ ރާއްޖޭގެ އޮފިޝަލުންތަކެއް ބައްދަލު ކުރުމާއި އިޒްރޭލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނައުމާއި އިޒްރޭލާއެކު ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވެ ސޮއި ކުރުން ހިމެނެ އެވެ.
ދިވެހިރާއްޖެއިން އިޒްރޭލާއެކު ގުޅުން ގާއިމް ކުރާނެ ކަމަށް ނަޝީދު އިއުލާނު ކުރެއްވުމުގެ ކުރިން އެކަން ރައްޔިތުންނަށް ހާމަ ކުރެއްވީ ނަޝީދު ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ސެޕްޓެމްބަރު 15، 2009 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ، ރާއްޖެއިން 1965 ވަނަ އަހަރު އިޒްރޭލާއެކު ގުޅުން ގާއިމް ކުރި ފަހުން ދުވަހަކު ވެސް އެ ގުޅުން ކަނޑާލާފައިނުވާ ކަމަށެވެ. އަރަބި ބައެއް ގައުމުތަކުން ވެސް އިޒްރޭލާއެކު ގުޅުން ގާއިމްކޮށްފައިވާ ކަން ފާހަގަ ކުރައްވާ ނަޝީދު ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޝަހީދު ވިދާޅުވީ ރާއްޖެއިން އެ ގައުމާއެކު ގުޅުން ބާއްވަންނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނަޝީދުގެ ރަސްމީ އިއުލާނު ކުރެއްވުން އަދި ފަހުން ދެއްކެވި ވާހަކަތައް
- " މި މަޖިލީހުގައި ތިބި ހުރިހާ ގައުމަކާ ރަހުމަތްތެރި އަދި ދެ ފަރާތަށް ވެސް ފައިދާ ހުރި ގުޅުން ދިވެހިރާއްޖެއިން ބަދަހި ކުރަން ބޭނުންވޭ "
- " އަޅުގަނޑުމެން ގަބޫލު ކުރަނީ، ބާކީ ކުރުމާއި އެކަހެރިކުރުމުގެ ބަދަލުގައި ވާހަކަ އާއި ބިނާ ކުރަނިވި ގުޅުމުން އަމަންއަމާންކަމަށް ބޮޑަށް މަގުފަހިވާނެ "
- " ދިވެހިރާއްޖޭގެ އާ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރާނެ. އަދި އެ ގުޅުމުގެ ބޭނުން ހިފައި، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކާ އެއްގޮތަށް އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާ ފަަދައިން، ފަލަސްތީނުގެ މުސްތަގިއްލު ބިމެއް ގާއިމް ކުރުމަށް މަސައްކަތް ކުރާނަން "
ނަޝީދުގެ އިއުލާނު ކުރެއްވުމާއެކު ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެކަމާ ވަގުތުން ދެކޮޅު ހެއްދެވި އެވެ. އޭގެ ތެރޭގައި ހާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ. އެކަން އިއުލާނު ކުރެއްވުމަށްފަހު، ނަޝީދު އޭގެ ހަތަރު ދުވަސް ފަހުން ސެޕްޓެމްބަރު 29، 2009 ގައި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ އެކަމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެއްކެވި އެވެ.
"އިޒްރޭލާއެކީ ގުޅުން ބަދަހިކުރުމުގައި، ފުރަތަމަ އަނެއްކާވެސް އަޅުގަނޑުމެންގެ މައިގަނޑު ވިސްނުން. އެއްވެސް ގައުމަކާ ގުޅުން ބަދަހިނުކޮށް ބޭއްވުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް. އެއްވެސް މީހަކާ ވާހަކަ ނުދައްކައި ތިބުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް. ގައުމެއްގެ ސިޔާސަތުގައި އެ ވިސްނުން ގެންގުޅުމަކީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބުއްދިވެރި ރަނގަޅު ގޮތެއް ނޫން. އަދި އަރަބި އިޒުރޭލު މައްސަލައަށް ހައްލެއް އެއިން ގެނެވޭނެ ގޮތެއްވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ރާއްޖެއަށް އިޒްރޭލާ "ތަޅާފޮޅެން" ނެތް ކަމަށާއި ދުނިޔެއަށް އެންމެ ރަނގަޅު ގޮތަކީ ވެސް ވާހަކަ ދައްކައިގެން ފަލަސްތީނު/އިޒްރޭލު މައްސަލައަށް ހައްލު ހޯދުން ކަމަށެވެ.
ފަލަސްތީނުގެ ސަރުކާރުން ވެސް އިޒްރޭލު ގަބޫލު ކުރައްވާކަން ފާހަގަަ ކުރައްވަމުން ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ވިސްނުމާ އެމަނިކުފާނު ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"ފަލަސްތީނުގެ އާންމު ވިސްނުމާ އަޅުގަނޑުމެން އެއްބަސް. އެއްގޮތް. ފަލަސްތީނު އިޒުރޭލު ގަބޫލުކުރޭ. ދެން އަޅުގަނޑުމެން އެކަން ނުކޮށް ކީއްކުރަންތޯ އުޅެންވީ. ފަލަސްތީން އިޒުރޭލު ގަބޫލުކުރޭ. ދެން އަޅުގަނޑުމެންނަށް އެބަ އޮތްތޯ އިޒްރޭލު ގަބޫލުނުކޮށް އުޅުމުގެ މާބޮޑު ވިސްނުމެއް، ބުއްދިވެރިކަމެއް، ބޭނުމެއް. ނެތް،" ނަޝީދު ވިދާޅުވި އެވެ.
އިޒްރޭލާއެކު ގުޅުން ގާއިމް ކުރާނެ ކަމަށް ނަޝީދު އިއުލާނު ކުރެއްވުމަށްފަހު އެ ގައުމާއެކު އެއްބަސްވުންތަކެއްގައި ސަރުކާރުން ސޮއި ކުރި އެވެ. ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަން، ތައުލީމު އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ބެހޭ އެއްބަސްވުންތައް ހިމެނެ އެވެ.
އެ އެއްބަސްވުންތަކުގައި ސޮއި ކުރި ތާރީހު ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެ އެއްބަސްވުންތަކުގެ ބައެއް ތަފުސީލުތައް ފަހުން މީޑިއާތަކަށް ހާމަވެފައިވެ އެވެ. އެގޮތުން، އެ އެއްބަސްވުންތައް ކުރިއަށްގެންދިޔުމަށް ކެބިނެޓުގައި ނޮވެމްބަރު 24، 2009 ގައި މަޝްވަރާ ކުރިކަން ފަހުން ހާމަވި އެވެ.
ކެބިނެޓުގެ މަޝްވަރާތަކަށްފަހު، އެ އެއްބަސްވުންތައް ތަންފީޒު ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، އެއިރުގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު އެއިރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ޑިސެމްބަރު 20، 2009 ގައި ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގެ ކޮޕީއެއް ރާއްޖޭގައި ހިންގާ ނޫހަކަށް ލިބި، އެކަމުގެ ހަބަރު ލިޔެފައި އޮތެވެ.
ތައުލީމީ ދާއިރާއިން ރާއްޖެއިން އިޒްރޭލާއެކު ސެޕްޓެމްބަރު 24، 2009 ގައި އެމެރިކާގެ ނިއު ޔޯކުގައި ސޮއި ކުރި އެގްރިމެންޓެއްގެ ތަފުސީލު ވެސް މީޑިއާތަކަށް ލީކުވި އެވެ. އެއީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރާނެ ކަމަށް ރައީސް ނަޝީދު އިއުލާނު ކުރެއްވި ދުވަހެވެ. އެ އެއްބަސްވުމާ ގުޅޭ ގޮތުން މީޑިއާއިން ސުވާލު ކުރުމުން، އެ ތާރީހުގައި އިޒްރޭލާއެކު އެއްބަސްވުމެއްގައި އޭނާ ސޮއި ކުރެއްވި ކަމަށް ފޮރިން މިނިސްޓަރު ޑރ. ޝަހީދު އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކު، އެއްބަސްވުމާ ގުޅޭ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ސެޕްޓެމްބަރު 18، 2009، ގައި ރާއްޖޭގެ އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، އެމެރިކާ އެމްބަސީގެ ޕޮލިޓިކަލް އޮފިސަރަކާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި، އޭނާ އިޒްރޭލަށް ކުރަން ހަމަޖެހިފައި އޮތް ދަތުރާ ގުޅޭ ގޮތުން އަމީން ފައިސަލް ވާހަކަ ދެއްކެވި އެވެ.
ޕޮލިޓިކަލް އޮފިސަރާއެކު ބޭއްވި ބައްދަލުވުމުގައި، "ރާއްޖޭގެ އިންޓްރެސްޓަށް" އެންމެ ރަނގަޅު ގޮތަކީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރުން ކަމަށް އަމީން ފައިސަލް ވިދާޅުވި އެވެ.
"ފަލަަސްތީނާއި މިސްރާއި އެހެން ގައުމުތަކުން ވެސް އިޒްރޭލާ ގުޅުން ބަދަހިކުރަންޏާ ރާއްޖެއަށް ވެސް އިޒްރޭލާއެކު ގުޅުން ބަދަހި ކުރެވޭނެ. ދީނީ ހަރުކަށި ފިކުރާމެދު އަހަރުމެން ދެ ގައުމުން ދެކޭ ގޮތް ވެސް އެއްގޮތް،" އަމީންއާ ހަވާލާދީ، އެމްބަސީގެ ޕޮލިޓިކަލް އޮފިސަރު، އެމެރިކާއަށް ފޮނުވި ކޭބަލެއްގައި ބުނެފައި އޮތެވެ.
އެ ބައްދަލުވުމުގައި، އިޒްރޭލުން އިންޑިއާއަށް ކަނޑައަޅާފައި ހުރި އެމްބެސަޑަރު ދާދިފަހުން މާލެއަށް ޒިޔާރަތް ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އެމްބެސަޑަރުގެ ބައްދަލުވުމުގައި އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ މޮސާޑުގެ އެހީއަށް އަމީން ފައިސަލް އެދިވަޑައިގަތެވެ. އަދި މޮސާޑާއި ރާއްޖެއާ ދެމެދު މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރަން އަމީން ހުށަހެޅުއްވި އެވެ.
އިޒްރޭލާއެކު ގުޅުން ބަދަހި ކުރަން ސަރުކާރުން ކުރަމުންދިޔަ މަސައްކަތަކުގެ ބޮޑު ބައި ކުރިއަށްގެންދިޔައީ ފަރުދާގެ ފުރަގަހުގަ އެވެ. އެކަމަކު، އިޒްރޭލާއެކު ގުޅުން ބަދަހި ކުރާނެކަން އިއުލާނު ކުރައްވައި، އެކަމަކަށް ފާޅުގައި ބައެއް މަސައްކަތް ސަރުކާރުން ކުރި އެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި، ފޮރިން މިނިސްޓަރު މުހައްމަދު ނަސީމް އިޒްރޭލަށް ވަޑައިގަތުމާއި އޭގެ ކުރިން އިޒްރޭލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނައުން ހިމެނެ އެވެ. ޑޮކްޓަރުން ގެނައުމުގެ ކުރިން، އިމަޖެންސީ ހާލަތްތަކުގައި މަސައްކަތް ކުރާނެ ދިވެހިން ތަމްރީނު ކުރަން ކަމަށް ބުނެ ވެސް އިޒްރޭލުގެ ބަޔަކު ސަރުކާރުން ރާއްޖެ ގެނަ އެވެ.
ނަސީމުގެ ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު އިޒްރޭލަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އޭނާގެ ދަތުރުގައި އިޒްރޭލުގެ ރައީސް ޝިމޮން ޕެރޭޒް އަދި ފޮރިން މިނިސްޓަރު އަވިގްޑޯ ލީބާމަންއާ ވެސް ބައްދަލު ކުރެއްވި އެވެ. އޭގެ އިތުރުން، ހޮލޮކާސްޓުގައި މަރުވި ޔަހޫދީންގެ ހަނދާނުގައި ހަދާފައި ހުރި މެމޯރިއަލް ޔާދް ވަޝޭމް އަށް ޒިޔާރަތް ކުރައްވާ އެތަނުގައި މާބޮނޑިއެއް ބޭއްވި އެވެ.
ރާއްޖެއިން އިޒްރޭލާ ގުޅުން ބަދަހި ކުރާނެކަން ސަރުކާރުން އިއުލާނު ކުރި ފަހުން ދިވެހިން ދިޔައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އެކަމަކު، ދެކޮޅުވެރިކަން އަމަލީ ހަރާކަތްތަކުން ފެނުނީ އިޒްރޭލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެންނަން ސަރުކާރުން ނިންމުމުންނެވެ.
ސަރުކާރުގެ ނިންމުމަށްފަހު ވެރިކަން ކުރާ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބޭއްވި އެވެ. ޑޮކްޓަރުން ގެނައުމާ ދެކޮޅަށް އަދި އިޒްރޭލާ ގުޅުން ބަދަހި ކުރުމާ ދެކޮޅަށް ވަރަށް ގިނަ މީހުން މުޒާހަރާ ކުރި އެވެ.
އިޒްރޭލާ ގުޅުން ބަދަހި ކުރަން ދިވެހިން ދެކޮޅު ހެދުމުން ވެސް ސަރުކާރުން ފައި ވިއްދާފައި އޮތީ ގުޅުން ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާށެވެ. އެ މަސައްކަތް ހުއްޓުނީ ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގައި ފެބްރުއަރީ، 2012، ގައި ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
މާޒީގެ ސޮފްހާތައް ހުޅުވާލުމުން މިއީ ފެންނަން ހުރި ހަގީގަތް ތަކެވެ. ދިވެހި ރައްޔިތުންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެކެވެ. ނަޝީދު އިޒްރޭލާ ގުޅުންބަދަހި ކުރަން ކުރި މަސައްކަތް ދިވެހީން ހަނދާނެއް ނުނެތޭނެ އެވެ.
އިތުރަށް




.gif.gif&w=828&q=100)