ސަންދާނު ލުތުފީގެ ބޮޑު ތުހުމަތެއް ރައީސް ނަޝީދަށް؛ މަރާލަން ނުރައްކާތެރި ހަމަލާއެއް ދީފި
ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ނެރުނު މަޖައްލާ ސަންދާނު ނެރުއްވުމުގައި އިސްދައުރެއް އަދާކުރެއްވި އިބްރާހީމް ލުޠުފީ އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފައިވާކަމަށާއި، އެ ހަމަލާގެ ފަހަތުގައި ހުންނެވީ އެމްްޑީޕީގެ ޗެއާޕާސަންް އަދި ކުރީގެ ރައީސުް މުޙައްމަދު ނަޝީދުކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ.
ލުޠުފީއަކީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކޮށްލުމަށްް 2000 ގެ ކުރީކޮޅުގައި ރާއްޖޭގައި ހިނގި ސިޔާސީ ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގެން ޔޫރަޕަށް ވަޑައިގެން ސްވިޒްލޭންޑުގެ ހިމާޔަތް ހޯއްދެވުމަށްފަހު އޭނާ ދިރިއުޅުއްވަނީ އެ ގައުމުގައެވެ.
އޭގެ ފަހުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކަށް ހިތްވަރުދެއްވައި އެކި ގޮތްގޮތުން އެ މަސައްކަތުގައި ބައިވެރިވެވަޑައިގަތެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު ގާއިމުވި ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ވެރިކަމުގައި ސަރުކާރުގެ އިސް ބައެއް މަގާމުތައް އަދާކުރެއްވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީނު ވެރިކަމަށް ގެންނެވުމަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މަސައްކަތްކުރެއްވިއެވެ.
ފޭސްބުކުގައި ލުޠުފީ ލިޔުއްވި ގޮތުން އޭނާ އަވަހާރަކޮށްލުމަށް ހަމަލާދިނީ ސްވިޒްލޭންޑުގެ ބާސެލްގައެވެ. އެއީ ފާއިތުވި ހޮނިހިރުދުވަހުކަމަަށާއި، ހަމަލާ އަމާޒުވީ ހެނދުނު 10:00 ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ.
ލުޠުފީ ތުހުމަތުކުރެއްވި ގޮތުގައި މި ޙަމަލާއަކީ ވަރަށް ރޭވުންތެރިކަމާއެކު އިންތިޒާމުވެގެން ބަޔަކު ދިން ހަމަލާއެކެވެ. އެ ހަމަލާދިނީ ރައީސް ނަޝީދު އެކަަމަށް ފައިސާ ދެއްވި ގޭންގަކުންކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ.
ރައީސް މައުމޫނުގެ ސަރުކާރަށް ފާޑު ކިޔައިގެން އުމުރައް ޖަލު ބަންދު ކުރި ލުޠުފީ ވަނީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގޮސް ފިލާފައެވެ. އަދި ސްވިޒަލޭންޑްއިން ހިމާޔަތް ހޯދައިގެން ކުރީގެ ރައީސް ނަޝިދު ވެރިކަމަށް ގެނައުމަށް ގިނަ ކެމްޕެއިންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި އެވެ.
އޭނާ މިނިވަންކޮށްދީފައި ވަނީ ރައީސް ނަޝީދު އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުކޮޅު ލުޠުފީ ވަނީ ނަޝީދުގެ ގިނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012ގައި ނިމުމާއި ގުޅިގެން އައި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރުން ލުޠުފީއަށް ވަނީ ސިޔާސީ މަގާމެއް ދީފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)