ސައުދީގައި އިސްލާމް ދީނާ ދެކޮޅުވެގެން މަރަން ހުކުމްކުރި މީހެއްގެ ދިފާއުގައި ނަޝީދު!

ފޭސްބުކްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތައާހީނުކޮށް ޕޯސްޓްތަކެއް ކުރި މައްސަލައެއްގައި ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމަވައިފިއެވެ.
ލަންކާގެ "ނިއުސްވަޔާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ރައީސް ނަޝީދު ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ސިވަރާސާގެ ގާނޫނީ ވަކީލުން ކަމަށްވާ ލަންކާގެ ޕްރެޒިޑެންޓްސް ކައުންސެލް ފައިޒަރު މުސްތަފާ އާއި ޕްރެޒިޑެންޓްސް ކައުންސެލް އުޕުލް ކުމާރައްޕެރުމާ ވަނީ ރާއްޖެ ވަޑައިގެން އިއްޔެ ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ.
ލަންކާ ސަރުކާރުގެ ބަޔާނަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އިސްލާމްދީނާއި މުސްލިމުންނަށް ނިސްބަތްކޮށް ސިވަރާސާ ދައްކާފައިވާ ވާހަކަތަކީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށް ރައީސް ނަޝީދު ގަބޫލުފުޅުކުރައްވައެވެ. ނަމަވެސް އިންސާނީ ކަރާމާތާއި އިިންސާނީ ހައްގުތަކަށް އިސްކަންދެއްވައި، އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާގެ ވަކީލުންނަށް ނަޝީދު ވަނީ ދެއްވާފައެވެ.
ސައޫދީގައި ވަޒީފާ އަދާކުރަމުން ދިޔަ ސިވަރާސާގެ މައްޗަށް އެ ގައުމުގެ އަލް-އަހްސާ ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ފުރަތަމަ އިއްވީ 5 އަހަރުގެ ޖަލު ހުކުމަކާއި 3 މިލިއަން ސައުދީ ރިޔާލުގެ ޖޫރިމަނާއެކެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފުކުރަން ހުށަހެޅުމުން ކޯޓުން ވަނީ އަދަބު މަރުގެ ހުކުމަށް ބަދަލުކޮށްފައެވެ.
މި މައްސަލައިގައި ލަންކާ ސަރުކާރުން ވަނީ ސައޫދީއަށް ފޮނުވާ ހާއްސަ ޑިޕްލޮމެޓިކް މަންދޫބުންގެ ގޮތުގައި ވަކީލު މުސްތަފާ އާއި ކުމާރައްޕެރުމާ ހަމަޖައްސާފައެވެ. ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު ވިދާޅުވީ މިއީ ސީދާ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކޭގެ އިސްނެންގެވުމަށް ކުރިއަށްދާ މިޝަނެއް ކަމަށެވެ. އަދި ނަޝީދާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ނަޝީދު ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށްވެސް ވަކީލުން ވަނީ ހާމަކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)