ވިއެޓްނާމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ މަޝްހޫރު އެއާލައިން ކަމަށްވާ ވިއެޓްޖެޓުން އެ ޤައުމުގެ ހޯޗީމިން ސިޓީ އާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
ހޯޗީމިން ސިޓީ އާއި މާލެއާ ދެމެދު ވިއެޓްޖެޓުން ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތައް ކުރިއަށްދާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުގައެވެ.
މި އައު ރޫޓު ފެށުމުގެ އުފަލުގައި ވިއެޓްޖެޓުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާންކޮށްފައެވެ. އެގޮތުން މި މަހުގެ 8 އިން 10 އަށް ކުރިއަށްދާ ތިން ދުވަހުގެ "ގޯލްޑަން ޑޭސް" ސޭލްގައި އެކޯ ޓިކެޓުތައް އެއްވެސް އަގަކާ ނުލައި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ދުވަސްވަރާ ދިމާކޮށް އަންނަ ޑިސެމްބަރުގައެވެ. އަދި އެ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ދަތުރުކުރަމުން އަންނަ ހޯ ޗީ މިން ސިޓީ – ކޮލޮމްބޯ ރޫޓު މާލެއާ ހަމައަށް ދައްމާލާނެއެވެ.
2025 ވަނަ އަހަރު ވިއެޓްނާމުން ރާއްޖެއަށް 2،813 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މި ދަތުރުތަކުގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ވިއެޓްޖެޓަކީ އޭޝިއާ ސަރަހައްދުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއާލައިނަކަށް ވާއިރު، ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ވިއެޓްނާމުގެ އިތުރުން ކައިރި އެހެން ޤައުމުތަކަށް ވެސް ފުޅާކުރަން ލިބޭ ފުރުސަތެކެވެ.
މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ވިއެޓްނާމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ވެސް ލިބުނު އުފަލެއްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)