logologologologo
STO
ރިޕޯޓް

ރިޒޯޓްގެ ކޮޓަރިއަށް ދިވެހި ކުންފުނިތައް ޓެކްސް ދައްކާއިރު ބޭރުގެ ޕްލެޓްފޯމްސްތަކުން ޓެކްސް ނުކުރެވޭ: އިންސާފެއްތަ؟

ރިޒޯޓްގެ ކޮޓަރިއަށް ދިވެހި ކުންފުނިތައް ޓެކްސް ދައްކާއިރު ބޭރުގެ ޕްލެޓްފޯމްސްތަކުން ޓެކްސް ނުކުރެވޭ: އިންސާފެއްތަ؟
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 17

ރާއްޖޭގެ ރަށެއްގައި ހިންގާ ގެސްޓް ހައުސްއަކަށް ފަތުރުވެރިޔަކު ސީދާ ބުކިންގ ހަދައި ފައިސާ ދައްކާނަމަ، ކޮޓަރީގެ މުޅި އަގުން ޓޫރިޒަމް ޓީ.ޖީ.އެސް.ޓީ ނަގާނެއެވެ. ގެސްޓްހައުސްއިން އެ ފައިސާ ބަލައިގަނެ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ރާއްޖޭގައި ދައްކާނެއެވެ. ނަމަވެސް، ހަމަ އެ ކޮޓަރި ބައިނަލްއަގުވާމީ އޮންލައިން ޕްލެޓްފޯމެއް (މިސާލަކަށް އަގޯޑާ) މެދުވެރިކޮށް ބުކްކުރާ ހާލަތުގައި ރާއްޖެއަށް އެކޮޓަރިން ފުރިހަމައަށް ޖީ.އެސް.ޓީ ލިބޭ ހެއްޔެވެ؟

ބައިނަލްއަގުވާމީ ބުކިން ޕްލެޓްފޯމްތަކަކީ މުހިންމު ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކެކެވެ. އިޝްތިހާރު ކުރުމަށް ބޮޑު ހޭދައެއް ނުކޮށް، ރާއްޖޭގެ ކުދި ގެސްޓްހައުސްތަކާއި ހޮޓާތަކަށް މުޅި ދުނިޔޭގެ ފަތުރުވެރިންނާ ހަމައަށް ވާސިލްވުމުގެ ފުރުސަތު މި ޕްލެޓްފޯމްތަކުން ފަހިކޮށްދެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ ވިޔަފާރިތަކެއް މި ޕްލެޓްފޯމްތަކަށް ބަރޯސާވެއެވެ.

މައްސަލައަކީ މި ޕްލެޓްފޯމްތަކެއް ނޫނެވެ. މައްސަލައަކީ، އޮންލައިންކޮށް ފަތުރުވެރިކަމުގެ ހިދުމަތްތައް ވިއްކާ ގޮތަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ޓެކްސް ނިޒާމަށް ބަދަލު އައިސްފައި ނުވުމެވެ.

މިހާރު އޮތް ޖީ.އެސް.ޓީ ނިޒާމަކީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުންނ ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގައި ކާމިޔާބު ނިޒާމެކެވެ. 2025 ވަނަ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 41.7 އިންސައްތައަކީ ޖީ.އެސް.ޓީ އެވެ. ނަމަވެސް، ރާއްޖޭގައި ބޭރުގައި ތިބޭ ފަރާތްތަކުން ރާއްޖޭގެ މާކެޓަށް ފޯރުކޮށްދޭ އަދި ރާއްޖޭގައި ބޭނުންކުރާ ގޮތަށް ފޯރުވައިދޭ މުދަލާއި ހިދުމަތްތަކުގެ އަގުން މިހާރު އޮތް ނިޒާމުގެ ތެރެއިން ފުރިހަމައަށް ނުނެގިދާނެއެވެ.

މިކަން މިހާ މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟

ފަތުރުވެރިކަމުގެ ހިދުމަތަކުން ކޮންސިއުމްކުރެވޭ ޚިދުމަތުގެ ފުރިހަމަ އަގުން ޓެކްސް ނުނެގޭނަމަ، ދައުލަތަށް ލިބޭ އާމްދަނީ މަދުވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން މި މައްސަލަ ހައްލުކުރަނީ "ޑެސްޓިނޭޝަން ޕްރިންސިޕަލް" ނުވަތަ ހިދުމަތް ލިބިގަންނަ ތަނަށް ބަލައި ޖީ.އެސް.ޓީ ނެގުމުގެ އުސޫލުންނެވެ. ސާދާކޮށް ބުނާނަމަ، މީގެ މުދާ ނުވަތަ މާނައަކީ ހިދުމަތް ބޭނުންކުރަނީ ރާއްޖޭގައި ކަމަށްވާނަމަ، އެ ހިދުމަތް ވިއްކީ ރާއްޖޭގެ ވިޔަފާރިއަކުން ކަމުގައިވީނަމަވެސް ނުވަތަ ބޭރުގެ ޕްލެޓްފޯމަކުން ކަމުގައިވީނަމަވެސް، އެއަށްވާ ޓެކްސް ރާއްޖެއަށް ލިބެންޖެހޭނެ ކަމެވެ.

މި އުސޫލު ތަންފީޒުކުރުމަކީ އާންމުންގެ އަތުން އާ ޓެކްސެއް ނެގުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މިހާރު އޮތް ނިޒާމުގައި ހުރި ހުސްކަން ފޫބައްދައި، އެއްގޮތް ހިދުމަތްތަކުން ހަމަހަމަކަމާއެކު ޓެކްސް ނެގުން ކަށަވަރުކުރުމެވެ.

މިކަމުގައި އޮތް ސުވާލަކީ ވަރަށް ސާދާ ސުވާލެކެވެ. ރާއްޖޭގައި ހުރުމުގެ ހިދުމަތް ބޭނުންކުރާ ފަރާތުން، އެ ޚިދުމަތް ހޯދުމަށްކުރި ޚަރަދުގެ ޖުމްލައިން ދައުލަތަށް ލިބެންޖެހޭ ހައްގު މިންވަރު ރާއްޖެއަށް ލިބެން ނުޖެހޭ ހެއްޔެވެ؟

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް