ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ ދިވެއްސަކު 20 އަހަރަށް ޖަލަށްލައިފި

ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޙުކުމް އިއްވާފައިވަނީ، ޢުމުރުން 39 އަހަރުގެ މުޙައްމަދު އަނިލްގެ މައްޗަށެވެ. އަދި ޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުން އޭނާ އެ ޤައުމުން ޑީޕޯޓްކޮށްލުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
ދަޢުވާގައިވާ ގޮތުން، 8 ޑިސެމްބަރު 2025 ގައި ޚާން ހުއާ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އޮފިސަރުން ފަސިންޖަރުންގެ ދަބަސްތައް ސްކްރީންކޮށް ބަލައިފާސްކުރުމުގެ ތެރޭގައި، އަނިލްގެ ޗެކް-އިން ލަގެޖާއި އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އޭނާ ވިއެޓްނާމަށް ގޮސްފައިވަނީ ތައިލެންޑުގެ ބެންކޮކުން ފުރި ފްލައިޓެއްގައެވެ.
ކަސްޓަމްސް އޮފިސަރުން އޭނާ ހިފަހައްޓައި، ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ދަބަސް ފާސްކުރިއިރު މަސްތުވާތަކެތި ހުރި ގިނަ ޕެކެޓްތަކެއް ވަނީ ފެނިފައެވެ. ނަމަވެސް، އަނިލްގެ ޓެސްޓުތަކުން އޭނާ މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަޙުޤީޤުން ހާމަވި ގޮތުގައި، 7 ނޮވެމްބަރު 2025 ގައި އަނިލް ބެންކޮކްގެ ހޮޓަލެއްގައި ހުރިއިރު، ތައިލެންޑުގެ ޕަޓާޔާގައި ދިރިއުޅޭ "އަފޫ" ނަމަކަށް ކިޔާ ދަންނަ މީހަކު ވަނީ ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ 6 ޕެކެޓް އުފުލައިދިނުމަށް އޭނާއަށް ހުށަހަޅާފައެވެ. ނަމަވެސް އެ މީހާގެ އަސްލު މަޢުލޫމާތާއި އުޅޭ ވަކި ތަނެއް އަދި ހޯދިފައެއް ނުވެއެވެ.
އެ ތަކެތި ވިއެޓްނާމަށް ގެންދިއުމުން، އެއާ ޙަވާލުވުމަށް މީހަކު އޭނާއާ ގުޅާނެ ކަމަށް އަފޫ ބުނެފައިވެއެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުން އަނިލްއަށް 1،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ވަޢުދުވެ، ކެއުމާއި ދަތުރުގެ ޚަރަދުތަކަށް އެޑްވާންސްގެ ގޮތުގައި 500 ޑޮލަރު ވަނީ ދީފައެވެ. އަދި އަނިލްގެ ލަގެޖަށް މަސްތުވާތަކެތި އަޅާފައިވަނީވެސް އަފޫއެވެ.
އަނިލް އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1,545.6893 ގްރާމެވެ.
މި މައްސަލަ ސާބިތުވުމާ ގުޅިގެން ވިއެޓްނާމްގެ ކޯޓުން ވަނީ އަނިލް 20 އަހަރަށް ޖަލަށްލުމަށާއި، ޙުކުމް ތަންފީޒުކޮށް ނިމުމުން އެ ޤައުމުން ފޮނުވާލުމަށް ޙުކުމްކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)