logologologologo
STO
ޚަބަރު

މަސްތުވާން ފައިސާ ނުލިބިގެން މަންމަގެ ގެއަށް ގެއްލުންދިން މީހަކު ޖަލަށް

މަސްތުވާން ފައިސާ ނުލިބިގެން މަންމަގެ ގެއަށް ގެއްލުންދިން މީހަކު ޖަލަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 07

މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން އައި ރުޅީގައި، މަންމަ ދިރިއުޅޭ ގޭގެ ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން، ކުރީގެ ކްރިމިނަލް ކޯޓު އިމާރާތުން ތަކެތި ވަގަށް ނެގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފި އެވެ. 

މި ހުކުމް އައީ ށ. މާއުނގޫދޫ، އަސަރު، އާދަމް ހަންނާދުގެ މައްޗަށެވެ.

އާދަމްގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކުރީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ މ. މާކަރީ ގޭގެ ބަދިގޭގައި ހުރި ރަތް ކުލައިގެ ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލާފައި އެ ގޭގައި ކާން ގެންގުޅޭ ބަތްކާ ތައްޓެއް ތަޅާލި މައްސަލައިގައެވެ. އަދި އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރުގައި އެއްޗަކުން ޖަހައި ދޮރު ވެސް ހަލާކުކޮށްލިއެވެ.

މި ދައުވާއަށް ޖަވާބުދާރީވަމުން އާދަމް ވަނީ އެކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދީފައެވެ. އޭނާ ބުނި ގޮތުގައި އެ ރޭ އުޅުނީ "ބަލިވެގެން މަސްތުވުމަށް" ލާރި ބޭނުންވެގެން ކަމަށާއި ދައްތަ "ލާރިއެއް ދޭނަމޭ ބުނާތާ" ފަސް ދުވަސް ވެފައިވާ ކަމަށެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ:

  • މުދަލަށް ގެއްލުންދިނުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހެނީ 23 ދުވަހުގެ ޖަލު އަދަބެކެވެ.
  • ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,238 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި ވެސް ހަންނާދުގެ މައްޗަށް ވަނީ ހުކުމް އިއްވައިފަ އެވެ. އެއީ، މި އަހަރުގެ ޖުލައި ފަސް ވަނަ ދުވަހުގެ ހެނދުނު، ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ތެރެއިން އެޗްޕީ ބްރޭންޑުގެ ދެ އޯލް-އިން-ވަން ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ދެ ވޮއިސް ރިކޯޑަރު ވަގަށް ނަގައިގެން ދަނިކޮށް، މަގުމަތިން ފުލުހުންނަށް ފެނިގެން ހުއްޓުވައި ބަލައިފާސްކުރި މައްސަލައެކެވެ.

ޝަރީއަތުގައި އޭނާ ބުނީ، ޑެސްކްޓޮޕެއް ހޯދައިދީފިނަމަ ފައިސާ ދޭނެކަމަށް ކޮއްކޮއަކު ބުނެފައިވާތީ، މަސްތުވާން ފައިސާ ހޯދުމުގެ ބޭނުމުގައި ރައްޓެއްސަކާއެކު އެ އިމާރާތަށް ވަދެ ތަކެތި ނެގީ ކަމަށެވެ.

މި މައްސަލައިގައި ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި:

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި، ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް 
  • ތަހުގީގު މަރުހަލާގައި ބަންދުގައި ހުރި 16 ދުވަސް އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އަދަބަކީ ނުވަ މަހާއި ދެ ދުވަހުގެ އަދަބެއް 

ހަންނާދު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، އޭނާގެ ކިބައިގައި ޖޫރިމަނާ ދެއްކުމުގެ މާލީ ގާބިލުކަން ނެތުމާއި، ވައްކަމުގެ ގިނަ ރެކޯޑުތަކެއް އޮތުމުން ކޯޓުން ވަނީ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދެވެން ނެތްކަމަށް ނިންމައިފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް