މެސީގެ ގޯލަކާއެކު ވަދާއީ މެޗުން އާޖެންޓީނާ މޮޅުވެއްޖެ

އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއެކު އޮތް އޭނާގެ ތާރީޚީ ކެރިއަރު، ބެނިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޖެހި ގޯލާއެކު ލިއޮނެލް މެސީ ނިންމާލައިފިއެވެ. ބުއެނޮސް އައިރީސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އުމުރުން 39 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅެދިން 208 ވަނަ މެޗުގައި، އޭނާ ވަނީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާއަށް ޖަހައިދިން 126 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ނިކޯލަސް އޮޓާމެންޑީ އާއި ނިކޯ ပާޒް ޖެހި ގޯލުތަކަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް މެސީއެވެ. މެޗުގެ 90 މިނެޓު މުޅިންވެސް ކުޅުނު މެސީއަށް ސެލިއުޓް ކުރުމުގެ ގޮތުން، ސްޓޭޑިއަމަށް ވަން 85,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ލޭޒާ ޝޯއަކާއި މިއުޒިކީ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން މެސީ ވަނީ ގާތްގަނޑަކަށް 10 މިނެޓުގެ އަސަރުގަދަ ތަގުރީރެއް ދީފައެވެ. ދަނޑު ދޫކޮށް ދާން ބޭނުންނުވާ ކަމަށް ބުނެ މެސީ ވާހަކަދެއްކިއިރު، ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ ލޮލުން ކަރުނަ އައިސްފައިވެއެވެ. މެޗުގެ ކުރިންނާއި މެޗުގެ ތެރޭގައިވެސް މެސީގެ އަލްވަދާޢާ ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. އެގޮތުން، ދަނޑުގެ މެދުގައި މެސީގެ 10 ނަންބަރު ޖާޒީގެ ބޮޑު މޮޑެލްއެއް ބޭއްވިފައިވާއިރު، މެޗުގެ 10 ވަނަ މިނެޓުގައި މެޗު މެދުކަނޑާލައި ސަޕޯޓަރުންނާއި ބެނިންގެ ކުޅުންތެރިންވެސް ވަނީ މެސީއަށް އިހުތިރާމް އަދާކޮށްފައެވެ.
މި މެޗުގެ ކުރިން، ދުނިޔޭގެ މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ވަނީ މެސީއަށް ތައުރީފުކޮށް މެސެޖުތައް ފޮނުވާފައެވެ. އެގޮތުން ނޭމާ ބުނީ، މެސީ ފުޓްބޯޅައަށް ކޮށްދިން ހިދުމަތަށް މުޅި ދުނިޔެވެސް ޝުކުރުވެރިވާ ކަމަށެވެ. އަދި އާޖެންޓީނާގެ ކުޅުންތެރިޔާ ރޮޑްރިގޯ ޑި ޕޯލް ބުނީ، މެސީއަކީ އޭނާގެ އާއިލީ ބޭބެއެއްފަދަ އިންސާނެއް ކަމަށާއި، އޭނާގެ ސަބަބުން ރަނގަޅު އިންސާނަކަށް ވުމަށް މަގުފަހިވި ކަމަށެވެ.
2005 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި މެސީ ވަނީ އާޖެންޓީނާއަށް 2022 ގެ ވޯލްޑް ކަޕާއި ދެ ކޯޕާ އެމެރިކާ މުބާރާތް ހޯދައިދީފައެވެ. އޭނާއަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ގައުމީ ޓީމުން ވަކިވި ނަމަވެސް، އެމެރިކާގެ އިންޓަ މިއާމީއާއެކު ހެދި އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ކްލަބް ފުޓްބޯޅައިގައި މެސީ ފެނިގެންދާނެއެވެ.
އިތުރަށް





.gif.gif&w=828&q=100)