logologologologo
STO
ކުޅިވަރު

މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭ ފަހު މެޗު މިރޭ!

މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭ ފަހު މެޗު މިރޭ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 06

އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ހޯދި ތާރީޚީ ކާމިޔާބީތަކަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅެދޭ އެންމެ ފަހު މެޗުގައި މިރޭ ބެނިންއާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެއެވެ.

ބުއެނޮސް އައިރީސްގެ އެސްޓާޑިއޯ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅޭ މި އެކުވެރިކަމުގެ މެޗަކީ، 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ގައުމީ ޓީމަށް ޚިދުމަތްކުރުމަށްފަހު އުމުރުން 39 އަހަރުގެ މެސީ ގައުމީ ޓީމުގެ ޖޯޒީގައި ފެންނާނެ އެންމެ ފަހު މެޗެވެ. މި މެޗު ބެލުމަށް 85,000 އަށްވުރެ ގިނަ ސަޕޯޓަރުން ސްޓޭޑިއަމަށް ވަންނާނެ ކަމަށް ބެލެވޭއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް މެސީއަށް އަލްވަދާޢު ކިއުމަށް އިވެންޓުގައި ބައިވެރިވާނެއެވެ.

މެސީ ގައުމީ ޓީމުން ވަކިވާން ނިންމިކަން އިއުލާންކުރީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއީ ނިއު ޖާސީގައި ކުޅުނު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުން އެސްޕޭނު އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހުގައެވެ. "އަހަރެންގެ ހުރިހާ އެއްޗެއް ގައުމީ ޓީމަށް ދީފިން. ދެން އިތުރަށް ދޭނެ އެއްޗެއް ނެތް. އަދި ފުރުސަތު ހައްގުވާ މޮޅު ޒުވާން ކުޅުންތެރިންތަކެއް އެބަތިބި،" ގައުމީ ޓީމުން ވަކިވާކަން ހާމަކުރަމުން މެސީ ބުނެފައިވެއެވެ.

އާޖެންޓީނާގެ ތާރީޚުގައިވެސް އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތް މެސީ ވަނީ ގައުމީ ޓީމަށް ކުޅެދިން 207 މެޗުން 125 ގޯލު ޖަހައި، 68 އެސިސްޓު ހަދާފައެވެ. ގައުމީ ޓީމާއެކު އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ދެ ކޯޕާ އެމެރިކާ މުބާރާތާއި ފައިނަލިސިމާ ތަށި ކާމިޔާބުކޮށްފައެވެ.

މި މެޗާއެކު އާޖެންޓީނާގެ ވައިސް ކެޕްޓަން ނިކޮލަސް އޮޓާމެންޑީވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާއިރު، މެސީއަށްފަހު ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅާނެ ކަމަށް ބެލެވެނީ ސެންޓްރަލް ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯއެވެ. އިންޓަ މިއާމީއާއެކު ކްލަބް ފުޓްބޯޅައިގައި އަދިވެސް ހަރަކާތްތެރިވަމުންދާ މެސީ ގައުމީ ޓީމުން ވަކިވުމާއެކު، އާޖެންޓީނާގެ ފުޓްބޯޅައިގެ އައު ދައުރެއް މިރޭގެ މެޗުން ފެށިގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް