މަރަޑޯނާގެ 'ހޭންޑް އޮފް ގޯޑް' ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި

1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާ މަޝްހޫރު 'ހޭންޑް އޮފް ގޯޑް' ގޯލު ޖެހުމަށް ބޭނުންކުރި ބޯޅަ، އެމެރިކާގައި ބޭއްވި ނީލަމެއްގައި 2.5 މިލިއަން ޕައުންޑް (3.3 މިލިއަން އެމެރިކާ ޑޮލަރު) އަށް ވިއްކާލައިފިއެވެ.
އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެ އާޖެންޓީނާ 2-1 އިން މޮޅުވި ކްއާޓާ ފައިނަލް މެޗުގައި، އިނގިރޭސި ގޯލްކީޕަރު ޕީޓަރ ޝިލްޓަންގެ ބޮލުމަތިން މަރަޑޯނާ ވަނީ އަތުން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މަރަޑޯނާ ބުނެފައިވަނީ އެ ގޯލު ޖެހުނީ "ކުޑަކޮށް މަރަޑޯނާގެ ބޮލުން އަދި ކުޑަކޮށް ކަލާނގެ އަތްޕުޅުން" ކަމަށެވެ. އެ މެޗުގައި މަރަޑޯނާ ވަނީ އިނގިރޭސިވިލާތުގެ 5 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު 'ގޯލް އޮފް ދަ ސެންޗަރީ' ގެ ގޮތުގައި މަޝްހޫރުވި ދެވަނަ ލަނޑުވެސް ޖަހާފައެވެ.
އެމެރިކާގެ ހެރިޓޭޖް އޮކްޝަންސްގައި މި ބޯޅަ 3.3 މިލިއަން ޑޮލަރަށް ވިއްކާލި ނަމަވެސް، ނީލަން ފެށުމުގެ ކުރިން އަންދާޒާކޮށްފައިވަނީ މި ބޯޅައަށް 10 މިލިއަން ޑޮލަރު (7.3 މިލިއަން ޕައުންޑް) އާ ގާތްކުރާ އަގެއް ލިބޭނެ ކަމަށެވެ. ހެރިޓޭޖްގެ އޮފިޝަލަކު ހާމަކުރި ގޮތުގައި މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އޮތް އެންމެ ޚާއްޞަ އައިޓަމެވެ.
1986 ގެ އެ މެޗު ރެފްރީކުރި ޓިއުނީޝިއާގެ އަލީ ބިން ނާސިރު މެޗު ނިމުމުން ނެގި މި އެޑިޑާސް އަޒްޓެކާ ބޯޅަ، އޭނާގެ އަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެންގުޅުނެވެ. އަދި މިއީ އެ މެޗުގައި ބޭނުންކުރި ހަމައެކަނި ބޯޅަކަން ކަށަވަރުކޮށްދީ 2023 ގައި އޭނާ ވަނީ ލިޔުމެއްވެސް ދީފައެވެ. ބިން ނާސިރު 2022 ވަނަ އަހަރު މި ބޯޅަ 2.37 މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު، އޭގެ ފަހުގެ ވެރިފަރާތުން 2023 ގައި އަލުން ނީލަމަށް ލުމުން އެކަށީގެންވާ އަގެއް ނުލިބުމުން އެފަހަރު ނުވިކުނެވެ. މި މެޗުގައި މަރަޑޯނާ ލީ ޖާޒީ 2022 ވަނަ އަހަރު ވަނީ 7.1 މިލިއަން ޕައުންޑަށް ވިއްކާލާފައެވެ.

.gif.gif&w=828&q=100)


