ހުރިހާ ވަޢުދެއް ފޮތެއްގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: ސަޢީދު

ހުރިހާ ވަޢުދެއް ފޮތެއްގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިރޭ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގަތް ހުރިހާ ވަޢުދެއް ފޮތަކަށް އެއްކުރައްވާ ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެކަން ކުރެއްވީ ވެސް ނުހަނު ހާމަކަމާއި ތެދުވެރިކަމާއެކު އެ ވަޢުދުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ވީޑިއޯ ހިއްސާ ކުރައްވަމުން ދޫކޮށްލެއްވި އެ މެސެޖުގައި ވަޒީރު ސަޢީދުގެ ވިދާޅުވީ މިއަދުގެ ވަރަށް ގިނަ ވަގުތުވެސް ޚާއްޞަކުރެއްވީ ހަމަ އެކަމަށް ކަމަށާއި ކޮންމެ މަޝްރޫޢެއްގެ އަދާހަމަ ރައީސް އަމިއްލަފުޅަށް ބެއްލެވި ކަމަށެވެ.
"ކަންކަން ނިމެމުންދާ ވަރު ވަޒަންކުރެއްވި. ދައްޗެއް އޮތް ނަމަ ޙައްލު ހޯއްދަވަން ސީދާ ރައީސް އިސްނެންގެވި." ސަޢީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ ކޮންމެ ވަޢުދަކާ ގުޅޭ މަސައްކަތްތަކުގައިވެސް ޝާމިލްވާ ހުރިހާ ޒިންމާދާރު ފަރާތަކާ އެއް ޙާޟިރުގައި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަމަށް އެންމެ އިސްކަން ދެއްވައިގެން ވަގުތު އެމަނިކުފާނު އެ ޚާއްޞަކުރައްވަނީ، އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމަށް ހިތްޕުޅުގައި އޮތް ޝައުޤާއި ސަމާލުކަމުގެ ބޮޑުކަމުން. ކަމަށެވެ.
ސަޢީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އެ މަސައްކަތްޕުޅަކީ ވެރިކަންކުރާ ޕާޓީ (ޕީއެންސީ) އަށްވެސް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅަށް ތަޢުރީފްކުރައްވާ ސަޢީދު މިފަދަ މެސެޖެއް ހިއްސާ ކުރައްވާފައި މިވަނީ، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކޮށް، އެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ދުވެލި އިތުރަށް ހަލުއިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސް އޮފީހުގައި ބާއްވާފައި ވަނިކޮންނެވެ.
މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލޖުމްހޫރިއްޔާގެ އޮފީހުން ވަނީ، 2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ 153 ރަށަކަށާއި ހުރިހާ ސިޓީތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ދެއްވި 205 ކެމްޕޭން ޚިޠާބާއި ވަޢުދުފުޅުތައް މި ފޮތުގައި ޝާއިޢުކޮށްފައިވެއެވެ. 1024 ޞަފްޙާ ހިމެނޭ މި ފޮތުގައި ދަތުރުފުޅުތަކުގެ ފޮޓޯތައްވެސް ހިމެނެއެވެ.
މި ފޮތް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)