ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރަކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 6/2006، (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ހ. މީނާޒް، އަލްފާޟިލް ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.
އަލްފާޟިލް ޝަމްޢޫން ޙަމީދު މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އަލްފާޟިލް ޝަމްޢޫން ޙަމީދު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ޝަމްޢޫން ޙަމީދަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރު މުޙައްމަދު އިބްރާހީމްއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްޢޫން ޙަމީދާ ހަވާލުކުރައްވާފައެވެ.
އަލްފާޟިލް ޝަމްޢޫން ޙަމީދު ވަނީ 2010 އިން 2012 އަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމާއި، 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ.
ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ޤައުމީ ފެންވަރުގެ ދިރާސާތަކުގައި ޝަމްޢޫން ޙަމީދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ޝަމްޢޫން ޙަމީދު އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާރމެނެންޓް ސެކްރެޓަރީގެ މަގާމެވެ.
އިތުރަށް





.gif.gif&w=828&q=100)