logologologologo
STO
ޚަބަރު

ސޯލިހު ގޮތް ދޫކޮށް ފައިސަލް އަށް ތާއީދުކޮށްފި، ރަނިންގމޭޓަކަށް ނެރެނީ މޭޔަރު އާޒިމް

ސޯލިހު ގޮތް ދޫކޮށް ފައިސަލް އަށް ތާއީދުކޮށްފި، ރަނިންގމޭޓަކަށް ނެރެނީ މޭޔަރު އާޒިމް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 22

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ދުވެލިއަށް މައުލޫމާތު ލިބުފައިވާ ގޮތުގައި 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާ ފައިސަލް އެ އިންތިހާބަށް ނެރުއްވުމަށް ސޯލިހު ފުރިހަމައަށް ތާއީދު ކުރައްވަ އެވެ. ފައިސަލް އަކީ އެމްޑީޕީ މީހެއް ނޫން ކަމަށް ފައްޔާޒް/ނަޝީދު ފެކްޝަން މީހުން ބުނަން ފެށުމުން ފައިސަލްގެ ދިފާއުގައި އެންމެ ފުރަތަމަ ނިކުންނެވީ ވެސް ސޯލިހުގެ ކޮއްކޮ އަދި ހުޅުމާލޭގެ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒް އެވެ.

ނައިބު ރައީސްކަމުގެ ފަސް އަހަރުގެ ދައުރު މިހާތަނަށް ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅާގެ ޝަރަފު ލިބިވަޑައިގެންފައިވާ ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުންނަވާނީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ޕްރައިމަރީގައި ފައިސަލް ވާދަކުރެއްވުމާ ގުޅޭ ގޮތުން މިދިޔަ އާދިއްތަ ދުވަހު ވެސް ސޯލިހު އާއި މަޝްވަރާ ކުރެއްވި އެވެ.  

ފައިސަލް އެމްޑީޕީއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2005 ގަ އެވެ. ނަމަވެސް މިހާރުގެ ގާނޫނުއަސާސީ ތަސްދީގު ކުރި ދުވަސް ކަމަށްވާ އޮގަސްޓް 7، 2008 ގައި އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ މަނިކުފާނު އަލުން އެމްޑީޕީ އަށް ސޮއިކުރެއްވީ ފެބްރުއަރީ 22، 2024 ގަ އެވެ. ފައިސަލް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ ޖެނުއަރީ 2024 ގަ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިހާރު ފާޅުގައި ކެމްޕެއިން ކުރައްވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް