ފާފު އަތޮޅަށް ޖެހިސަކަރާތް މިފަހަރު ޖެހިއަކަ ނުދޭނަން: ޝުޖާ

ފާފު އަތޮޅަށް ޖެހި ސަކަރާތް މިފަހަރު ޖެހިއަކަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޝުޖާ މީސްމީޑިއާގައި ޕޯސްޓެއް ކުރައްވާފައި މިވަނީ ރަސްމާލޭގައި އަބޫދާބީގެ ކުންފުންޏަކުން ހިންގަން ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓާ ބެހޭގޮތުން އެމްޑީޕީގެ އިސްބޭފުޅުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ޝުޖާ ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ އަބަދާ އަބަދު މިޤައުމު ނާށިގަނޑު ހިފާގެން ސަލާންޖަހަން އުޅެން ކަމަށާއި އެއީ އެމީހުންގެ ވިސްނުން ކަމަށެވެ.
ޤައުމަށް ކުރިއެރުމެއް ލިބޭންއުޅޭ ކޮންމެ ވަގުތަކު އެމްޑީޕީ މީހުން މިސަކަރާތެއް ޖަހާ ކަމަށް ވިދާޅުވެ ޝުޖާ ވިދާޅުވީ،
ދިވެހި ރައްޔިތުން މިއަދު ވިސްނަންވީ ޤައުމާއި މެދުގައި ކަމަށާއި ފުއްދުންތެރިކަން ހޯދައި އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒަކީ މިޤައުމުގެ ހަރު މުދާ ވިއްކާ ވެރިއަކަށް ނުވާނެ ކަމަށާއި އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގައި ސާބިތުވެ އެމަނިކުފާނު ދެމިހުންނަވާނެ ކަމަށް ޝުޖާ ވިދާޅުވެފައިވެއެވެ.
"މާތްالله ގެ ތަނަވަސް ރަޙުމަތާއެކު މިސަރުކާރުން ދިވެހީރާއްޖޭގެ ހަރުމުދާ ނުވިއްކާ ދިވެހީންނަށް މިރާއްޖެއިން ހައްޤުވަނީ ކިހާ މިންވަރެއްކަން ބުނެދޭނެ. މިސަރުކާރު ދެމިއޮންނީ ރައްޔިތުންނާއެކު ރައްޔިތުންގެ ފަޅީގައި. ހަބަރުދާރު! ފާފު އަތޮޅަށް ޖެހިސަކަރާތް މިފަހަރު އިންޝާالله ޖެހިއަކަ ނުދޭނަން." ޝުޖާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަޢޫދީ ސަރުކާރުން ފ. އަތޮޅުގައި ބޮޑު މަޝްރޫޢެއް ހިންގަން ނިންމުމުން، އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީން ބަޔާނެއް ނެރެ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މުޅި އަތޮޅެއްގެ ފުރިހަމަ ކޮންޓްރޯލް ބޭރުގެ ބާރަކަށް ލިބިގެންދާނެ ކަމަށް ބުނެ، މިއީ ސަޢޫދީ ސަރުކާރުން ހިންގަން އުޅޭ "ކޮލޯނިއަލް" ނުވަތަ އިސްތިޢުމާރީ ޢަމަލެއްގެ ގޮތުގައި ސިފަކުރިއެވެ. ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރާއްޖެއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅާ ދިމާކޮށް، މާލެއާއި ފާފު އަތޮޅުގެ ރަށްތަކުގައި (ޚާއްޞަކޮށް ބިލެތްދޫ، ފީއަލީ ފަދަ ރަށްތަކުގައި) އިޙްތިޖާޖުތަކާއި މުޒާހަރާތައް ކުރިއެވެ.

މީގެއިތުރުން ސްރީލަންކާގެ ކޮލަމްބޯގައި ޕްރެސް ކޮންފަރެންސްތައް ބާއްވައި، އިންޑިއާ އަދި ހުޅަނގުގެ ބޮޑެތި މީޑިއާތަކަށް މި މައްސަލަ ތިލަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދީ ސަލާމަތަށް މީގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ބުނެ ވަކާލާތުކުރިއެވެ.
އެމްޑީޕީގެ މި ފިއްތުންތަކަށް ސަރުކާރުން ބުނަމުންދިޔައީ އަތޮޅު ވިއްކާނުލައި ކަމަށާއި އެއީ ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ. ނަމަވެސް، ފަހުން ސަޢޫދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލްވެ، އެ މަޝްރޫޢު ކުރިއަށްދާ ގޮތް ވަނީ ނުވެފައެވެ.
ފުށިދިއްގަރު ފަޅުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށެވެ. މި ރަށުގައި މެރީނާއެއް ތަރައްޤީކޮށް ހިންގަން، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އަބޫދާބީގައެވެ.
މި މަޝްރޫޢާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ދަނީ، އެތަނުން ބޭރު މީހުންނަށް ބިން ވިއްކާނެ ކަމަށާއި، ގަންނަ ތަންތަން އޮޓަމެޓިކުން ވާރުތަވާނެކަމަށް ބުނެ ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލޭން ތަނެއް ގަންނަ ފަރާތަކަށް މިލްކުވާނީ އެ ގަންނަ އިމާރާތެއް ނުވަތަ ޕްރޮޕަޓީއެއް އެކަނި ކަމަށެވެ. އަދި އެތަން ބިނާކޮށްފައިވާ ބިމަކީ ސީދާ ދިވެހި ދައުލަތުގެ މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއްކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ. އެފަދަ ތަނެއް އެހެން ފަރާތަކަށް ވިއްކާލުމުގައި ނުވަތަ ވެރިފަރާތް މަރުވުމުން ވާރުތަވުމުގައިވެސް، ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަނޑައެޅިފައިވާ ފީ ނަގައި، ހުއްދަދޭ ހާލަތެއްގައި ނޫނީ އެކަން ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)