logologologologo
STO
ޚަބަރު

ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތައެއް ނުވާނެ: ވަޒީރު މުއްޠަލިބު

ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތައެއް ނުވާނެ: ވަޒީރު މުއްޠަލިބު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 27

ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާނެކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހު އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއެކު ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ހިންގުމަށް ސޮއިކުރުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ދަނީ އެތަނުން ބޭރު މީހުންނަށް ބިން ވިއްކާ ކަމަށާއި، ގަންނަ ތަންތަން އޮޓަމެޓިކުން ވާރުތަވާނެކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލޭން ތަނެއް ގަންނަ ފަރާތަކަށް މިލްކުވާނީ އެ ގަންނަ އިމާރާތެއް ނުވަތަ ޕްރޮޕަޓީއެއް އެކަނި ކަމަށެވެ. އަދި އެތަން ބިނާކޮށްފައިވާ ބިމަކީ ސީދާ ދިވެހި ދައުލަތުގެ މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއްކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ. އެފަދަ ތަނެއް އެހެން ފަރާތަކަށް ވިއްކާލުމުގައި ނުވަތަ ވެރިފަރާތް މަރުވުމުން ވާރުތަވުމުގައިވެސް، ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަނޑައެޅިފައިވާ ފީ ނަގައި، ހުއްދަދޭ ހާލަތެއްގައި ނޫނީ އެކަން ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ރަސްމާލޭން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް ނުވަތަ އާއިލާއަށް އޮޓަމެޓިކުން ރެސިޑެންޓް ވިސާ ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ފުރިހަމަ ބާރު އިމިގްރޭޝަން ޤާނޫނުގެ ދަށުން އޮންނަނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށެވެ. ރާއްޖޭގައި ހުރި ބޭރުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ޤާނޫނީ އިމުގެ ތެރެއިން ވިއްކައި، ބަދަލުކޮށް، ވާރުތަކުރެވޭ މުދާ ތަކެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ އިސްތިޤުލާލު ވަރުގަދަކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ދައުލަތް ތަނަވަސްވެ މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތުގެ ފައިދާއެއްގެ ބަދަލުގައި ޖީލުތަކަށް ދެމިގެންދާނެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލޭގެ މި ބިޔަ މަޝްރޫޢަކީ ޖުމްލަ 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢުގެ ތެރެއިން ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިޔަން ޑޮލަރު ވަންނާނެކަމަށް ލަފާކުރެވޭއިރު، 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. އަދި މަޝްރޫޢު ނިމުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އެކަނިވެސް އަހަރަކު 2 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް