ރަސްމާލޭގައި ފަށާ މަޝްރޫޢު ކުރިއަށްގެންދާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް: އަލްޢައްބާރު

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ފަށަން ތައްޔާރުވާ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނީ، ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމުގެ ޔަޤީންކަން ދުނިޔޭގެ މަޝްހޫރު އެމިރޭޓީ ވިޔަފާރިވެރިޔާ އަދި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު މިއަދު ދެއްވައިފިއެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ރަސްމާލޭގައި މެރީނާއެއް ތަރައްޤީކޮށް ހިންގަން އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިއަދު އަބޫދާބީގައެވެ.
އެ މަޝްރޫއުއާ ގުޅޭގޮތުން ގެންގުޅުއްވާ ތަސައްވަރު ހާމަކުރައްވަމުން، އަލްޢައްބާރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއަކަށް ވުމުގެ ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން މުހިންމު ޒިންމާއެއް ކަމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއަށް ލިބިފައިވާ މަތީ މަގާމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި ހިންގޭ ކޮންމެ މަޝްރޫއަކީ ވެސް ނުހަނު ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ޖެހޭ މަސައްކަތެއް ކަމަށެވެ.
ދިވެހި ސަރުކާރުން އީގަލް ހިލްސްއަށް ކޮށްފައިވާ އިތުބާރު ފާހަގަކުރައްވައި އަލްޢައްބާރު ވަނީ އެ މަޝްރޫއުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ މަތީ ފެންވަރުގެ ފުރިހަމަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ތާރީޚީ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
"ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި މުޖުތަމައުއަށް ފައިދާ ކުރަނިވި، އެދެވޭ ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުގެ ހިތާ ނުހަނު ބޮޑަށް ގުޅިފައިވާ މުހިންމު އަމާޒެއް." އޭނާ ވިދާޅުވިއެވެ.
މުޖުތަމައުގެ ލާބައަށް މަސައްކަތްކުރާނެ ގޮތާއި ތިމާވެށި ރައްކާތެރި ކުރާނެ އުސޫލުތައް ބޭނުންކުރާނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރީގެ އައު ދޮރުތައް ހުޅުވައިދީ، މުޖުތަމައުގެ ބައިވެރިވުން ފުރިހަމައަށް ހޯދައި، އެހެން އެއްވެސް ތަނަކުން ނުލިބޭ ފަދަ ފުރިހަމަ ދިރިއުޅުމުގެ ވެއްޓެއް ބިނާކޮށްދޭނެ ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ރިއަލް އެސްޓޭޓް ދާއިރާގައި 28 އަހަރު ހޭދަ ކުރައްވާފައިވާ އަލްޢައްބާރަކީ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނީގެ ވެސް ބާނީ ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)