logologologologo
STO
ޚަބަރު

50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވަނީ އާންމުންގެ ފައިސާއަކުން ނޫން: މާލީ ވުޒާރާ

50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވަނީ އާންމުންގެ ފައިސާއަކުން ނޫން: މާލީ ވުޒާރާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 18

50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވަނީ އާންމުންގެ ފައިސާއަކުން ނޫން ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިފަދައިން ބުނެފައި މިވަނީ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

މާލީ ވުޒާރާއިން މިފަދައިން ބުނެފައިވާއިރު، އިންޑިއާގެ އެސްބީއައިއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރާއްޖެއިން ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ ވުޒާރާއިން ބުނީ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

މާލީ ވުޒާރާއިން ބުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.

17 ސެޕްޓެމްބަރު 2026 ގައި މުއްދަތު ހަމަވާ 50 މިލިއަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް 11 މެއި 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާން ކުރައްވާފައިވާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހުގެ އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެމްޑީޕީ ސަރުކާރުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ނެގި މި ލޯނު، މި ސަރުކާރުން ދެއްކީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފައެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެތެރެއިން 1.3 ބިލިއަން ޑޮލަރުގެ ދަރަނި މިސަރުކާރުން މިހާތަނަށް ދައްކާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔަ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީ މަތީ މަޖިލީހުގެ ނިންމުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް