އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެ

އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ ފޭދޫގެ 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުން އެބަދެއެވެ. އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ." އެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ބުނީ ފެންބޮޑުވި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށާއި އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)