ތިލަފުށީ ވިޔަފާރި ބަނދަރު ދެމިއޮންނާނީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި: އިކޮނޮމިކް މިނިސްޓްރީ

ތިލަފުށީ ވިޔަފާރި ބަނދަރު ދެމިއޮންނާނީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފިއެވެ.
ތިލަފުށީ ވިޔަފާރި ބަނދަރު މަޝްރޫޢުގައި ބޭރުގެ ވަކި ބަޔަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ މީޑިއާ ރިޕޯޓުތަކާއި ގުޅިގެން އެ ވުޒާރާއިން ނެރެފައިވާ ބަޔާެއްގައި ބުނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ވަކި ފަރާތަކަށް ބުރަވެފައި ނޯންނާނެ ކަމަށެވެ.
އެ ވުޒާރާއިން ބުނީ ތިލަފުށީގައި މިހާރު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ބަނދަރުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ވަކި ބަޔަކަށް އިސްކަންދީފައިވާ ކަމަށް ފަތުރަމުންދާ ޚަބަރު ފެނިފައިވާ ކަމަށާ އެހެން ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
މި މަޝްރޫޢު ހަވާލުކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުން އިސްކަން ދިނީ، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް ކަމަށާއި އެއްވެސް ފަރާތަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ނޯންނާނެ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ ތިލަފުށި ބައިނަލްއަޤުވާމީ ބަނދަރު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމާއި ހަމައަށް، އަދި އޭގެފަހުންވެސް އެ ބަނދަރު އޮންނާނީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި ކަމަށެވެ.
ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމަކީ އެއްވެސް ފަރާތަކަށް ދޫދެވޭނެ ކަމެއް ނޫންކަމަށާއި މީގެއިތުރުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ނިންމުންތަކަކީ، މިހާރުގެ އަދި މުސްތަޤުބަލުގެ ބައިވެރިއަކަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވާ އިމާއި ޤައުމީ މަސްލަހަތުގެ ބޭރުން ބަސް ބުނެވޭނެ ކަމެއް ނޫންކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
"އެންމެ ފުރަތަމަ ރާއްޖެ" ސިޔާސަތަކީ ހުރިހާ ބައިވެރިންނާއިއެކު މަޝްވަރާކުރުމުގައި ގެންގުޅޭ އަސާސެއް ކަމަށާއި އަދި އެއީ ރާއްޖޭގެ ސިޔާދަތާއި ޤައުމީ މަސްލަޙަތައް އިސްކަންދޭ ސިޔާސަތެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ތިލަފުށީގައި ތަރައްޤީކުރާ މި ބަނދަރުގެ މަޝްރޫޢާއި ގުޅިގެން ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައި ވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމަކާއި އެކު ވިޔަފާރި ބަނދަރުގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެއާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސް ހިމެނޭގޮތަށް ތަރައްޤީކުރަން ފަށާފައިވާ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ ކުރީގެ ސަރުކާރުތަކަށް ތަރައްޤީ ނުކުރެވުނު ބަނދަރެއް ކަމަށް ވެސް ސަޢީދު ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގެ ޑިޒައިން، ސާވޭ އަދި މައިގަނޑު ޢުމްރާނީ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާއެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)