ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގައި ޙަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓް އުވާލައިފި
.jpg&w=3840&q=100)
ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ 2024 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ޤާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ.
ސަޢީދު ވިދާޅުވީ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17 ފޮރިން އިންވެސްޓްމަންޓަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކުގައި ހަރަކާތްތެރިވަނީ ދިވެހިންކަން ޔަޤީންކުރާނެ ކަމަށެވެ.
ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖޭއަށް އޮޕަރޭޓްކުރާ އެއާރލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓްސް، ޕެސެންޖަރ ސޭލްސް އޭޖެންޓްސް އަދި ކާގޯ ސޭލްސް އޭޖެންޓްސް ހިމެނެއެވެ.
އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދައިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ބުނީ އަލަށް ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނޫނީ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)