logologologologo
STO
ޚަބަރު

ތިލަފުށީ ބަނދަރާބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ލަމްޢާން ރައްދުދެއްވައިފި

ތިލަފުށީ ބަނދަރާބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ލަމްޢާން ރައްދުދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 30

ތިލަފުށީ ބަނދަރާބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާން ރައްދުދެއްވައިފިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޕާޓީ ޕީއެންއެފުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މި މަޝްރޫޢާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ ތިލަފުށީގައި ޤާއިމުކުރާ ވިޔަފާރި ބަނދަރު އިންޑިއާއަށް ދޭން ނިންމާފައިވާ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސް ޔާމީނަށް ރައްދު ދެއްވައި ލަމްޢާން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެއްވެސް އިންފްރާސްޓްރަކްޗަރއެއް، ވަސީލަތެއް ނުވަތަ ޤައުމުގެ ސިޔާދަތީ ބާރެއް، ބޭރުގެ އެއްވެސް ޤައުމަކަށް ދޫކޮށް ނުލާނެ ކަމަށެވެ.

ލަމްޢާން ވިދާޅުވީ ތިލަފުށީގައި މި ސަރުކާރުން ތަރައްޤީ ކުރާ ވިޔަފާޜި ބަނދަރަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ބެލުމުގެ ދަށުން ހިންގާނެ ތަނެއް ކަމަށެވެ.

ލަމްޢާން ވިދާޅުވީ އަދި ތިލަފުށީ ބަނދަރު ބޭރުގެ ފަރާތަކަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރަކީ 11 ނޮވެމްބަރު 2027ގައި މި ބަނދަރު ހުޅުވުން ކަމަށާއި އެ ދުވަސް ވެގެންދާނީ، ހަޤީޤީ ބައިނަލްއަޤުވާމީ ބަނދަރުގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ރާއްޖޭގައި ފެށިގެން ދާ ދުވަސް ކަމަށް ލަމްޢާން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މި ބަނދަރުގެ ސަބަބުން ރާއްޖެއަށް އެތައް ގުނައަކުން ފައިދާ ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމަށް ވެސް ލަމްޢާން ވިދާޅުވެފައިވެއެވެ.

މި ބަނދަރުގެ މަޝްރޫޢާއި ގުޅިގެން ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައި ވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމަކާއި އެކު ވިޔަފާރި ބަނދަރުގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެއާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސް ހިމެނޭގޮތަށް ތަރައްޤީކުރަން ފަށާފައިވާ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ ކުރީގެ ސަރުކާރުތަކަށް ތަރައްޤީ ނުކުރެވުނު ބަނދަރެއް ކަމަށް ވެސް ސަޢީދު ވިދާޅުވެފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް