logologologologo
STO
ޚަބަރު

ދައުރުކުރަމުން ދަނީ 23 އަހަރުކުރިން ގަތް ބިމެއް ހަވާލުކުރަން ތައްޔާރު ކުރި ލިޔެކިއުންތައް: ހައުސިން މިނިސްޓްރީ

ދައުރުކުރަމުން ދަނީ 23 އަހަރުކުރިން ގަތް ބިމެއް ހަވާލުކުރަން ތައްޔާރު ކުރި ލިޔެކިއުންތައް: ހައުސިން މިނިސްޓްރީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 09

ހުޅުމާލެއިން އަގުހެޔޮކޮށް ބިމެއް ވިއްކި ކަމަށްބުނެ ދައުރުކުރަމުން ދަނީ 23 އަހަރުކުރިން ގަތް ބިމެއް ހަވާލުކުރަން ތައްޔާރު ކުރި ލިޔެކިއުންތައް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 1 އިން އަގު ހެޔޮކޮށް ބިމެއް ވިއްކާފައި ނުވާނެ ކަމަށާއި، ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ 2003 ވަނަ އަހަރު ބިން ގަނެ ނާއިންސާފުން އެ ބިން ހަވާލުނުކޮށް އޮތް ފަރާތަކަށް ބިން ހަވާލުކޮށް ތައްޔާރުކުރި ލިޔެކިޔުންތައް ކަމަށެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ އަޙުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،250 އަކަފޫޓުގެ ބިމެއް 468،750 ރުފިޔާއަށް ދިނުމަށް ނިންމާފައިވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

މިކަމާ ގުޅިގެން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އަޙުމަދު ޒާހިރަކީ 2003 ވަނަ އަހަރު ހުޅުމާލެ ފޭސް 1 އިން ބިން ގަތް ފަރާތެއް ކަމަށާ އޭރުގެ "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން އެމީހާ ގަތީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި އެތަނުގެ އޭރުގެ އަގަކީ 339،000 ރުފިޔާ ކަމަށެވެ.

އޭނާ އެ ބިން ގަތުމަށް ފަހު އޭރު ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުގެ ދަށުން އުފައްދާފައިވާ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުން އެމީހާއަށް ރަސްމީ ލިޔެކިޔުންތައް ދީފައިވާ ކަމަށާއި، އެ ލިޔެކިޔުން މިހާރު ވެސް އެބަހުރި ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެކަމަކު އޭގެ ފަހުން 23 އަހަރު ވެގެން ދިޔަ އިރު އެއްވެސް ސަރުކާރަކުން އެމީހާ އަށް ބިން ހަވާލުކޮށްފައެއް ނުވާ ކަމަށާއި އަދި އެމީހާ ތަކުރާރުކޮށް މައްސަލަ ހުށަހަޅައި އިންސާފު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ މި ސަރުކާރުން މައްސަލަ ބެލުމަށް ފަހު ނިންމީ އޭނާގެ އަތުން އިތުރު އަގުތަކެއް ނުންގައި އޭރުގެ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު ހުޅުމާލެއިން ބިމެއް ދިނުމަށް ކަމަށެވެ. އަދި މިގޮތަށް ވިއްކަން ކަނޑައެޅި ބިމަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޫކޮށް، ފަހުން އެއްބަސްވުން ބާޠިލުކުރުމުން ހުސްވި ބިމެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. މީގެއިތުރުން، މި ބިން އެ ފަރާތަށް ދޭން ނިންމީ ކުރިން ގުޅީފަޅުން އޭނާއަށް ލިބިފައިވާ ބިން ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ނިންމުމަކީ ޤާނޫނީ ގޮތުންނާއި އުސޫލީ ގޮތުން އެންމެ ރަނގަޅު ނިންމުމެއްތޯ ކަށަވަރުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފަޔަކަށް އެދިފައިވާ ކަމަށާއި އަދި އެ ބިން އެ ފަރާތާ ރަސްމީކޮށް ހަވާލުކުރާނީ އޭސީސީގެ އިތުރުން ޤާނޫނީ ލަފާތައް ލިބި، އެކަންކަން ސާފުވުމުން ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މުއާމަލާތު ހިންގާފައި ވަނީ ރައީސް ޑރ. މުޢިއްޒު އަންގަވައިގެން ކަމަށް ބުނެ "ހަސަން ކުރުސީ" ކިޔާ އެކައުންޓަކުން އެކްސްގައި މި ވާހަކަތައް ފަތުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް