ރާއްޖޭގެ ފުރަތަމަ "އިންޖިނޭރިން އެވޯޑު" 7 ބޭފުޅަކަށާއި ކުންފުންޏަކަށް ލިބިއްޖެ

ރާއްޖޭގެ ފުރަތަމަ "އިންޖިނޭރިން އެވޯޑު" 7 ބޭފުޅަކަށާއި ކުންފުންޏަކަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ.
މި އެވޯޑު ލިބޭ ފަރާތްތައް ހޮވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މިކަމަށްޓަކައި ޚާއްޞަކޮށް އެކުލަވާލެވުނު ފަންނީ ކޮމިޓީއަކުން ވަރަށް ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުންޏެވެ.
އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކާއި ތަފްޞީލް
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް-
ޢަބްދުއްޝަކޫރު ޞާލިޙް: ޢަބްދުއްޝަކޫރު ޞާލިޙަކީ ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ ދާއިރާއަށް ގާތްގަނޑަކަށް ފަންސާސް އަހަރު ވަންދެން ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން މެކޭނިކަލް އިންޖިނިއަރެއްގެ ހައިސިއްޔަތުން ގައުމީ ފެންވަރުގައި، ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި، މުވައްޒަފުންގެ ކުރިއެރުމާއި ލާބައަށް މަސައްކަތްކުރެއްވުމުގައި ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އަލްމަރުޙޫމް އަޙްމަދު މަހުރީން: އަލްމަރުޙޫމް އަޙްމަދު މަހުރީނަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ އަދި އުމްރާނީ ތަރައްޤީގެ ދާއިރާއަށް ސާޅީސް އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަގުހުރި މަސައްކަތެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި އިސް މަޤާމުތައް ފުރުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ބޮޑެތި އުމްރާނީ މަޝްރޫޢުތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަލްމަރުޙޫމް މުޙައްމަދު ރަޝީދު: އަލްމަރުޙޫމް މުޙައްމަދު ރަޝީދަކީ، ދިވެހިރާއްޖޭގެ ކަރަންޓުގެ ދާއިރާ ކުރިއެރުވުމަށް ފަންސާސް އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއްކޮށް ދެއްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގެ އެޕްރެންޓިސްއަކުން ފެށިގެން އެ ކުންފުނީގެ ޗެއަރމަން އަދި ޗީފް އެކްޒެކެޓިވް އޮފިސަރުގެ މަޤާމާއި ހަމައަށް އެކުންފުނީގެ އެކި މަޤާމްތަކުގައި، ޤައުމީ ފެންވަރުގައި މި ދާއިރާގެ މަޝްރޫއުތައް ރޭވުމުގައި އަދި އުމްރާނީ ވަސީލަތްތައް ފުޅާކުރުމަށްޓަކައި ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑްގެ އިތުރުން އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް - ޑރ. ފުރުޤާން އިބްރާހީމް
ޑރ. ފުރުޤާން އިބްރާހީމަކީ އިންޖިނިއަރިންގ، ދިރާސާކުރުން، ހަކަތައިގެ ދާއިރާ އަދި ހިންގުމުގެ ދާއިރާގައި 20 އަހަރަށްވުރެއް ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާހަގަކޮށްލެވޭ ދިވެހި ފަންނީ މާހިރެކެވެ. އިއާދަކުރަނިވި ހަކަތައާއި، ފެން އުފައްދާ ނިޒާމުތަކާއި، އިންޖިނިއަރިންގ ދިރާސާތަކުގެ އިތުރުން، ހިންގުމުގެ ހަރުދަނާކަމާއި ގައުމީ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަށް ފާހަކަކޮށްލެވޭއެވެ.
ވިމެން އިން އިންޖިނިއަރިންގ އެވޯޑް - އަސްރާރު
އަސްރާރަކީ ސިވިލް އެންޑް ސްޓްރަކްޗަރަލް އިންޖިނިއަރިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މި ދާއިރާގައި ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. އަސްރާރަކީ ގްރޭޑް 1 ގެ ލައިސަންސްޑް އިންޖިނިއަރެއްގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ޗާޓަރޑް ސިވިލް އިންޖިނިއަރއެވެ.
ޔަންގް އިންޖިނިއަރ އެވޯޑް - މުޙައްމަދު ޒިދާން ޙަސަން
މުޙައްމަދު ޒިދާން ޙަސަނަކީ އީޖާދީ މަސައްކަތްތަކާއި، ދިރާސާކުރުމާއި، ލީޑަރޝިޕްގެ އިތުރުން މަސައްކަތުގެ ދާއިރާއިން ނަމޫނާ ދައްކަމުންދާ ފާހަގަކޮށްލެވޭ ޒުވާން އިންޖިނިއަރެކެވެ. ޒިދާންގެ ތަޢުލީމީ ރަން ވަނަތަކާއި، އެޗް.ވީ.އޭ.ސީ (HVAC) ޓެކްނޮލޮޖީގެ އާ އީޖާދުތަކާއި، ބޮޑެތި މަޝްރޫޢުތަކުގައި އަދާކުރައްވާފައިވާ އިސް ދައުރަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް - ޙުސައިން ޖައުޝަން
ޙުސައިން ޖައުޝަންއަކީ އިންޖިނިއަރިންގ ދާއިރާއިން ކުރިއަރަމުންއަންނަ، އުފެއްދުންތެރިކަމާއި ފަންނީ ޤާބިލްކަމާއި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ޚާއްޞަ އިސްކަމެއްދޭ ދަރިވަރެކެވެ. މެލޭޝިއާގައި މެކޭނިކަލް އިންޖިނިއަރިންގ ކިޔަވަމުންދާ ޖައުޝަން ވަނީ ޞިއްޙީ ދާއިރާގެ އީޖާދުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަދި އިންޖިނިއަރިންގ ރިސަރޗް ހިމެނޭހެން ނަތީޖާ ނެރެދެނިވި ގިނަ ޕްރޮޖެކްޓްތަކެއްގައި ބައިވެރިވެފައިއެވެ.
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް - މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންގޮސްފައިވާ އިރުގެ ހަކަތައާއި އެން.އޭ.އެސް ބެޓެރި ބޭނުންކޮށްގެން، ޑީކާބަނައިޒްޑް ސީވޯޓަރ ޑީސެލިނޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓް
މި މަޝްރޫޢަކީ، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިކަން ލިބޭނެފަދަ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދެވުނު މުހިއްމު މަޝްރޫއެކެވެ. މިއީ، އިއާދަކުރަނިވި އިރުގެ ހަކަތައާއި އެޑްވާންސްޑް ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީގެ އެހީގައި ފެން އުފައްދާ ނިޒާމް ހިންގާ، ފެން އުފެއްދުމުގެ ތެރޭގައި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ބޮޑުތަނުން ދަށްކުރެވޭނެ މަޝްރޫޢެކެވެ.
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް - މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ގެ ފަރާތުން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ އިންޓެގްރޭޓެޑް ޔުޓިލިޓީ ސާރވިސަސް ޕްރޮޖެކްޓް
ރ.ދުވާފަރުގައި ކުރިއަށް ގެންގޮސްފައިވާ އިންޓެގްރޭޓެޑް ޔުޓިލިޓީ ސާރވިސަސް ޕްރޮޖެކްޓްއަކީ، ތިމާވެށީގެ ދެމެހެއްޓެނިވި ހައްލުތައް ބޭނުންކޮށްގެން، އެރަށުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރިއަށް ގެންދެވިފައިވާ މަޝްރޫއެކެވެ. އެގޮތުން، ސާފު ބޯފެން ފޯރުކޮށްދިނުމާއި، ނަރުދަމާގެ ހިދުމަތާއި، ކުނި މެނޭޖް ކުރުމާއި، ވާރޭ ފެން ނެގުމުގެ އިތުރުން އިއާދަ ކުރަނަވި ހަކަތަ ފޯރުކޮށްދެވޭނެ ކޮމްޕްރެހެންސިވް ޔޫޓިލިޓީ މޮޑެލްއެއް އެރަށުގައިވަނީ ގާއިމް ކޮށްފައެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ އެވޯޑެއް ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރެއްވި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި، 30 އޮގަސްޓް 2025 ގައި ފޮނުއްވި ޚިޠާބުގައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
އިތުރަށް





.gif.gif&w=828&q=100)