މި ސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި
.jpg&w=1920&q=100)
ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން 99 ކަނދުފަތި ގާއިމުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި ކަނދުފަތި ގާއިމުކޮށްފައިނުވާ މިންވަރެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ރާއްޖޭގައި މިވަގުތު އާންމުކޮށް ބޭނުންކުރަނީ މައިގަނޑު ދެ ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރުމަސްވެރިކަމަށް އަމާޒުކޮށްގެން އަޅާފައިވާ ވަދު ކަނދުފައްޗެވެ. ސަރުކާރުން މިހާތަނަށް އަޅާފައިވާ 99 ކަނދުފަތީގެ ތެރޭގައި ހިމެނެނީ 47 ދޮށީ ކަނދުފައްޗާއި 52 ވަދު ކަނދުފަތިއެވެ. މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފަތި އަޅައި، ކަނދުފަތި އެޅުމުގެ މުޅިން އައު ރެކޯޑެއް ސަރުކާރުން ވަނީ ގާއިމުކޮށްފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މޫސުމީ ބަދަލުތަކާއި އޮއިވަރުގެ ސަބަބުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތަށް މި މަހުގެ ތެރޭގައި ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ އިންތިހާއަށް ގުޅިފައިވާ އެއްޗަކަށްވާތީ، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ބޮޑުބައި އަލުން ގާއިމުކޮށް ނިންމެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މީގެއިތުރުން، ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ރާއްޖޭގައި ވޭތުވެދިޔަ 40 އަހަރު ބޭނުންކުރި ބާ އީޖާދުގެ ބަދަލުގައި، މި އައު ފަރުމާއާއެކު ކަނދުފަތިތަކުގެ ދެމެހެއްޓެނިވިކަން އިތުރުވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ފުރިހަމައަށް އަމާޒުކުރެވޭ ވަދު ކަނދުފަތީގެ ފުރިހަމަ ވިއުގައެއް ގާއިމުކޮށް ނިންމާލުމެވެ.
އިތުރަށް





.gif.gif&w=828&q=100)