ތިން އަހަރު ނުވަނީސް، އެންމެ ގިނަ ކަނދުފަތި އެޅި ސަރުކާރަކަށް ރައީސް މުޢިއްޒުގެ ސަރުކާރު

ސަރުކާރަށް ތިން އަހަރު ނުވަނީސް، އެންމެ ގިނަ ކަނދުފަތި އެޅި ސަރުކާރަކަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުވެއްޖެއެވެ.
މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މަސްވެރިން ބޭނުންވާ މިންވަރަށް ރިއާޔަތްކޮށްގެން، ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށްވެސް ފައިދާވާނެ ގޮތަށް ކަނދުފަތި އެޅުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ސިޔާސަތެކެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅާފައިވެއެވެ. މިއީ މިހާތަަނަށް އެއް ސަރުކާރަކުން އެޅި އެންމެ ގިނަ ކަނދުފަތިކަން ފާހަގަކުރެވެއެވެ.
މި ކަނދުފަތިތަކުގެ ތެރޭގައި ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ 47 ކަނދުފައްޗާއި ވަދު މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ 52 ކަނދުފަތި ހިމެނެއެވެ.
ވަދު މަސްވެރިކަމަށް އަޅާފައިވާ ކަނދުފައްޗަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕޯޓްސް ފިޝިންގައި ބޭނުންކުރާ ކަނދުފަތިތަކެވެ.
ކަނދުފަތި އަޅާ މިންވަރު އިތުރުކުރުމަކީ މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުވާނެ ސަބަބެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. ކަނދުފަތި އިތުރުކުރުމާއެކު، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސް އުޅަނދުފަހަރުގައި ލޮނުފެން ގަނޑުކޮށްގެން މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ އިތުރު މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައެވެ. އަދި އެމަނިކުފާނުގެ އަޢުދުފުޅާއި އެއްގޮތަށް ކަޅުބިލަމަސް ކިލޯއެއް މިހާރު ވަނީ 20 ރުފިޔާގެ މަގުން ގަންނަން ފަށާފައިވެއެވެ.
މީގެއިތުރުން މަސް ކަނޑުތަކަށް މަސްވެރިން ނެރުމަށްޓަކައި މަސްވެރިންނަށް ވިއްކާ ތެޔޮ، ކުޑަ އަގެއްގައި ވިއްކުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާރު ވަނީ ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައި ވާކަން ފާހަގަކުރެވެއެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)