logologologologo
STO
ޚަބަރު

އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ މަސްވެރިކަމުގެ އިދާރާގެ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ

އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ މަސްވެރިކަމުގެ އިދާރާގެ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 02

އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ މަސްވެރިކަމުގެ އިދާރާގެ ބައްދަލުވުން މިމަހު ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން މިމަހު 4 އިން 15 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އައިއޯޓީސީގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ މެއި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައެވެ. މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާޢަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންނެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ ޚަރަދެއްވެސް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ." މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އައިއޯޓީސީގެ މައި ބައްދަލުވުމުގެ އިތުރުން އައިއޯޓީސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައ:ި

• އައިއޯޓީސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން

• އައިއޯޓީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން

• އައިއޯޓީސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން

މިއީ އައިއޯޓީސީގެ ކޮމިޝަން ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެއް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.

އައިއޯޓީސީއިން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއި މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދެއެވެ.

MALDIVE GASAllied Insurance
އިތުރަށް