ނޫސްވެރިޔާގެ ފަރާތުން ފެނުނީ ނޫސްވެރިކަމުގެ އަސާސްތަކާ ޚިލާފް ދަށުދަރަޖައިގެ ޢަމަލެއް: ޝިޔާމް

އަދަދު ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ ނޫސްވެރިކަމުގެ އަސާސްތަކާ ޚިލާފަށްކުރި ދަށުދަރަޖައިގެ ޢަމަލެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ނޫސްވެރިން ކުރާ ޒިންމާދާރުކަން ކުޑަ، ހުތުރު ޢަމަލުތަކަކީ ހަމައާއި އުޞޫލުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅުކަމަށް ބުނެފައިވާ ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެއް. ކަމަށެވެ.
"ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުން. ކޮންމެ ހަފްތާއަކު އެއްދުވަހު އެބަ ނޫސްވެރިންނާ ބައްދަލުކުރައްވާ. މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ މަޢުލޫމާތުތައް އެބަ ޙިއްސާކުރައްވާ. މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ އެބަދެއްވާ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޝަރުއީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާ އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް "ނޫސްވެރިން" ޢަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނަށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބައެއް ނޫސްވެރިން ޤަބޫލުކުރާކަމީ އެ "ނޫސްވެރިން" ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާއި އަސާސްތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށާއި އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ ޒިންމާދާރު، ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދަދު ނޫހުގެ ޑޮކިއުމެންޓަރީ މައްސަލާގައި، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛްފުގެ ދައުވާ ކުރިމިނަލް ކޯޓުން ވަނީ އުފުލައިފައެވެ. މި ދަޢުވާއާއި ގުޅިގެން އެ ކޯޓުން ނެރުނު އަމުރާ ޚިލާފުވެގެން، އެ ނޫހުގެ މުޙައްމަދު ޝަހުޒާން އަދި ލީވާން ޢަލީ ނާސިރު މިއަދު ކުރިމިނަލް ކޯޓަށް ޙާޟިރުވާން އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދަދު ނޫހުގެ ނޫސްވެރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން އެ އޮފީހުން މިހާރު މަނާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ބޭރުކޮށްފައިވެއެވެ. ކޯޓު އަމުރާއި ޚިލާފުވުމުގެ ސަބަބުން އޭނާ ބޭރުކޮށްލީ، އެ ޑޮކިއުމެންޓަރީގެ ޝަރީޢަތް ކުރިއަށްދާތީ، އޭގެ ވާހަކަ ނުދައްކަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭނާ އިއްޔެ އެ ޑޮކިއުމެންޓަރީގައި ހިމެނޭ ވާހަކަތަކަކާ ގުޅުވައި ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމާއި ގުޅިގެންނެވެ.
އިތުރަށް





.gif.gif&w=828&q=100)