logologologologo
STO
ޚަބަރު

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ބޮޑެތި އަދަދުން ޖޫރިމަނާކުރަނީ

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ބޮޑެތި އަދަދުން ޖޫރިމަނާކުރަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 02

މަގުމަތީގެ އަމާންކަން ގާއިމުކޮށް، ނުރައްކާތެރިކޮށް އަދި ޒިންމާދާރުކަން ކުޑަ ގޮތެއްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅުނު އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ރައީސް މި ގާނޫނު ތަސްދީގު ކުރެއްވުމާއެކު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މި ގާނޫނަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހަމަމަގަށް އެޅުވުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ބިލެކެވެ. އައު ގާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާއި، އާންމުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ފަދަ ގޮތްގޮތަށް ޢަމަލުކުރާ ޑްރައިވަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ޚާއްޞަކޮށް، ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ ހަވާލުކުރުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނު ހަވާލުކުރުމަކީ ކަނޑައެޅިގެން މަނާ އަދި ބޮޑެތި އަދަބުތައް ލިބޭނެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި:

  • އާންމު ޖޫރިމަނާ: ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • އަނިޔާއެއް ލިބިއްޖެނަމަ: އެ އަމަލުގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، ޖޫރިމަނާގެ އަދަދު 50,000ރ. އިން ފެށިގެން 100,000ރ. އާ ހަމައަށް ބޮޑުވުން.
  • ކުޑަކުއްޖަކާ ހަވާލުކޮށްފިނަމަ: އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާނަމަ، ސީދާ އެންމެ ބޮޑު އަދަބު ކަމުގައިވާ 50,000ރ. އިން ޖޫރިމަނާކުރުން. އަދި އެކަމުގެ ސަބަބުން އަނިޔާއެއް ލިބިއްޖެނަމަ 100,000ރ. އިން ޖޫރިމަނާކުރުން.

މީގެއިތުރުން، މިފަދަ ކުށްތައް ސާބިތުވާ ފަރާތްތަކުގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސް ނެތް ފަރާތެއްނަމަ އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެއެވެ. މި މުއްދަތު ހަމަވުމުންވެސް އަލުން ލައިސަންސް ދޫކުރެވޭނީ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ. އަދި މިފަދަ ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައެއް ގެއްލިއްޖެނަމަ ގާނޫނުލްއުބާތުގެ ދަށުން ޖިނާއީ ދަޢުވާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް