ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ

އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވާއިރު، އެ ނުރައްކާތެރި ޖަރީމާގައި ކުއްޖާގެ މަންމަގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން، ކުއްޖާއަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ވީޑިއޯކުރި ކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ފިރިހެނަކު (ކުއްޖާގެ ބައްޕަ) ވަނީ މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައެވެ.
މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ އިތުރުން މަންމަގެ ބައިވެރިވުން ވެސް އޮތް ކަމަށް ބުނެ އާންމުންގެ ތެރޭގައި ތުހުމަތުތަކެއް ދެކެވެމުންދާތީ، އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ ކުއްޖާގެ މަންމައާ މެދު ކުރެވޭ ތުހުމަތުތަކަށް ބަލައި، އެކަމުގައި އޭނާގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް އޮތްތޯ ތަހުގީގުގެ ތެރެއިން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންދާ ކަމަށެވެ.
މީގެއިތުރުން، އަނިޔާވި ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ހިމެނޭހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަމާއި ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ. މައްސަލައިގެ ތަހުގީގު ހިނގަމުންދާތީ ފުލުހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)