logologologologo
STO
ޚަބަރު

އެކްސިޑެންޓް ހިނގީ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން: ފުލުހުން

އެކްސިޑެންޓް ހިނގީ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން: ފުލުހުން
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 29

ހުޅުމާލެ ވިނަރެސް 7 ކައިރި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ. އަދި އެ ކުއްޖާ އައިޖީއެމްއެޗަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ސައިކަލު ދުއްވާފައި ވަނީ އޭ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް