logologologologo
STO
ޚަބަރު

މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ވަޒީރު ޝިޔާމް

މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ވަޒީރު ޝިޔާމް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 01

މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބޮޑު ބެކްލޮގެއް އޮތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ދެއްވި ޚާއްޞަ އިސްކަމުގެ ދަށުން، އެ ބެކްލޮގް އެއްކޮށް ހަލާސްކޮށް، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ނިޒާމު ކާމިޔާބުކަމާއެކު ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބާނާ މަހަށް ޤަވާއިދުން ފައިސާ ނުލިބުމުގެ ދަތިކަމަކީ މަސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކުން އަބަދުވެސް ކުރަމުންދިޔަ ބޮޑު ކަންބޮޑުވުމެކެވެ. ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔަނަމަވެސް، މި ސަރުކާރުން ވަނީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ވައުދު ފުރިހަމައަށް ތަންފީޒުކޮށް، ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޢަމަލީ ހައްލުތަކެއް ހޯދައިދޭން ފަށާފައެވެ.

މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އެއީ ޤައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް ހެދުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލުކަން ދެގުނައަށް އިތުރުކުރުމާއި، ޕްރޮސެސިންގ ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު (ޑައިވަރސިފައި) ކުރުމުގެ ބޮޑެތި ޕްލޭންތަކެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް