logologologologo
STO
ވިޔަފާރި

ދެ އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ: ވަޒީރު ޝިޔާމް

ދެ އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ: ވަޒީރު ޝިޔާމް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 01

ރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި ހުރިހާ ސަރަހައްދަކުން މަސްވެރިންނަށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ހަމަޖައްސައިދީފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްވެރި އުޅަނދުފަހަރުގެ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން މަހަށް ނުފުރި ތިބެންޖެހުނު މައްސަލައަށް ސަރުކާރުން އަވަސް އަދި ޢަމަލީ ހައްލެއް ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކީ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު މ. އަތޮޅާއި ލ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ދޫކުރެވެއެވެ. އެ ދެ އަތޮޅުގައި އެސްޓީއޯގެ ފިއުލް ޝެޑްތައް ގާއިމުކުރުމުގެ އިދާރީ އަދި ތައްޔާރީ މަސައްކަތްތައް ކުރިއަށްދާތީ ކުޑަ ވަގުތުކޮޅެއް ނެގިނަމަވެސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ދެ އަތޮޅުންވެސް އެ ޚިދުމަތް ލިބެން ފަށާނެއެވެ. މީގެއިތުރުން، ބޮޑުކަންނެލީގެ މަސްވެރިންނަށްވެސް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

މި އިންތިޒާމުތަކުގެ އިތުރުން، މިފްކޯއާއި އެސްޓީއޯއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ހުންނަ މިފްކޯގެ މަރުކަޒުތަކުން މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރަން ވަނީ ފަށާފައެވެ. އެގޮތުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ އަޅައިދެވޭނެއެވެ. މި އުސޫލުގެ ދަށުން ނަގާ ތެލަށްވާ ފައިސާ ކަނޑާނީ، މަސްކިރުވުމަށްފަހު 48 ގަޑިއިރު ތެރޭގައި ސަރުކާރުން މަސްވެރިންނަށް ދޫކުރާ ޕޭމަންޓުގެ ތެރެއިންނެވެ.

ކްރެޑިޓަށް ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ސައިޒަށް ބަލައި ވަކި ކޯޓާއެއް ވަނީ ކަނޑައަޅާފައެވެ:

  • 85 ފޫޓުން މަތީގެ އުޅަނދުތަކަށް: 5,000 ލީޓަރު
  • 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް: 3,000 ލީޓަރު
  • 50 ފޫޓުން ދަށުގެ އުޅަނދުތަކަށް: 1,500 ލީޓަރު

މިއީ މަސްވެރިން އަތުން ވަގުތުން ނަގުދު ފައިސާ ނުދައްކައި މަހަށް ނުކުމެވޭނެ ގޮތް ހެދުމަށްޓަކައި މަސްވެރިން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ނިންމުންތަކުގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ބޮޑުތަނުން ކުޑަވެ، މަސްވެރި އާއިލާތަކަށް އިޤްތިޞާދީ ގޮތުން ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް