މީސްމީޑިއާގައި ދައުރުވަނީ ފޭކު ސިޓީއެއް، ކަސްޓަމަރުންގެ މައުލޫމާތު ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: ބީއެމްއެލް

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ނަމުގައި މީސްމީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން (ފޭކު) ސިޓީއެއް ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު ދޫކުރާނީ ބޭންކިންގ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރަކަށް ނުވަތަ ރަސްމީ އިޖުރާއަތްތަކުގެ ތެރެއިން އެކަނި ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސަޢީދު ވިދާޅުވީ، ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި ހޯމް މިނިސްޓްރީން ބީއެމްއެލްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދަނީ ކަނޑައެޅިގެން ދޮގު ސިޓީއެއް ކަމަށެވެ. އަދި ބޭންކުން ކަސްޓަމަރުންގެ މައުލޫމާތު އިދާރާތަކާ ހިއްސާކުރާނީ ބޭންކިންގ ޤާނޫނުގައިވާ އުޞޫލުތަކާ އެއްގޮތަށް ޝަރުޢީ ކޯޓެއްގެ އަމުރެއްގެ ދަށުންނާއި، ތަހުގީގީ އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން ލިޔުމުން އެދިގެން ހުށަހެޅުމުން އެކަނި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދިޔަ ސާކިއުލާ/ސިޓީގައި ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ މަތިން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ ޣައިރުޤާނޫނީ މުއާމަލާތްތައް ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކުގެ އެކައުންޓްތަކާއި، އެ އެކައުންޓްތަކަށް 500 ޑޮލަރަށްވުރެ މަތިން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ ފާއިތުވި 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓްތައް ހިއްސާކުރުމަށް އެދިފައިވާ ކަމަށް އެ ސިޓީގައި ލިޔެފައިވެއެވެ. ނަމަވެސް ބީއެމްއެލްއިން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ފޭކު ލިޔުމެއްކަން ކަށަވަރުކޮށްދީ، ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ޤާނޫނީ އިމުގެ ތެރެއިން ފުރިހަމައަށް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އިތުރަށް





.gif.gif&w=828&q=100)