logologologologo
STO
ވިޔަފާރި

3،000 އަށްވުރެ ގިނަ ޒުވާނުންނަށް މާލީ އެހީތެރިކަން ދީފި

3،000 އަށްވުރެ ގިނަ ޒުވާނުންނަށް މާލީ އެހީތެރިކަން ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 27

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން 3,000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި ކޮންމެ ފަރާތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކޮށްފައިވެއެވެ. މުޅި ފެސިލިޓީގެ ތެރެއިން ޖުމްލަ 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މާލީ އެހީތެރިކަން ޒުވާނުންނަށް ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ފެސިލިޓީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންގެ އުފެއްދުންތެރި ޚިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ބޭންކަށް ލިބޭ ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ފެސިލިޓީއަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔުމުން އުފާކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން 3,000 އަށްވުރެ ގިނަ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ޤައުމުގައި ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ފިޔަވަހިތަކުގައި އިތުރު ޒުވާނުންނަށް މި ފުރުޞަތު ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލީ އެހީތެރިކަމުގެ އިތުރުން، މި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ޚާއްޞަ ތަމްރީނުތަކާއި މެންޓަރޝިޕް ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް އެއްބަސްވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް