logologologologo
STO
ޚަބަރު

ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 31

ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބޭރ ފައިސާގެ ޤާނޫނަށް ގެނައި ފުރަތަމަ އިޞްލާޙް ހިމެނޭހެން ގިނަ ބިލުތަކެއް ތަސްދީޤު ކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތައްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ތަސްދީޤުކުރެއްވި ބިލުތަކުގެ ތެރޭގައި ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އެއްވަނަ އިޞްލާޙް ހިމެނެއެވެ. އެ އިޞްލާޙުގައިވާ ގޮތުން ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ މާދަމާ، 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

ރަޢިސް ވިދާޅުވީ ރިސޯޓުތަކުގެ އާމްދަނީން 40 އިންސައްތަ ޑޮލަރު ބޭންކުތަކަށް މާރުކުރުމަކުން، ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ދައްޗެއް ނޯންނާނެކަމީ ޔަޤީން ކަމެއް ކަމަށެވެ.

"ރިސޯޓްތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނިޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނޫނީޔާ އޮޕަރޭޝަން އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެނެއް. އެއީ ޔަޤީންކަމެއް" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިސޯޓް މުވައްޒަފުން އެ ދައްކަވާ ވާހަކައަށް ސަރުކާރުން ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށާއި އެބޭފުޅުންގެ ވާހަކަތަކަށް ތަރުހީބު ދެއްވާ ކަމަށާއި އެބޭފުޅުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށާއި އެއީ އެއްވެސް ރިސޯޓަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށް އެއްވެސް އުޒުރެއް ނެތް ކަމަށާއި މުސާރަ ދީފައި ލޯނު ދައްކާފައި ފަސޭހައިން 40 އިންސައްތަ މާރުކުރެވޭނެ ކަމަށެވެ.

ހުރިހާ ރިސޯޓްތަކުން ޤާނޫނަށް ތަބާވެ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކުރެވޭ ކަންކަމުގައި ޤައުމީ ޒިންމާ އަދާކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި މި ޤާނޫނު ތަންފީޒުކޮށްދެއްވުމުގައި އެމްއޭގެ އިތުރުން ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް