ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ޤާނޫނެއްގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ. އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލައަށްވެސް މިބިލުން ޙައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖިނާޢީ ބޮޑެތި ކުށް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި ގޮންޖެހުންތައް ހުރުމަކީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ. ނަމަވެސް ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގައި އަދި ނެތްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)