ރާއްޖޭގެ އެންމެ ބޮޑު ރަށަކީ ރަސްމާލެ ކަމުގައި ވެއްޖެ!

ރާއްޖޭގެ އެންމެ ބޮޑު ރަށަކީ ރަސްމާލެ ކަމުގައި ވެއްޖެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.
ރަސްމާލެ މަޝްރޫޢުގެ އަދާހަމަ ހިއްސާ ކުރައްވަމުން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ދާ ކަމަށެވެ.
ނާޝިދު ވިދާޅުވީ ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކައި، ރަސްމާލެ މިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައި ކަމަށެވެ.
"މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް." ނާޝިދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ނާޝިދު އިތުރަށް ވިދާޅުވީ ރަސްމާލެ މަސްރޫޢު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުން ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

.gif.gif&w=828&q=100)


