މިމަހުގެ މިހާތަނަށް 41 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކައިފި

މިމަހުގެ މިހާތަނަށް 41 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކައިފިއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން މިއަދު ބުނީ އެ މަޝްރޫޢުގެ ތެރެއިން ރަސްމާލެ ސައިޓް އޭ އިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ މިއީ މުޅި މަޝްރޫއުގެ 30 އިންސައްތަ ކަމަށެވެ.
ރަސްމާލެ ސައިޓް އޭގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ގައެވެ.
ރަސްމާލެ މަޝްރޫޢުގައި ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ، 46,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކްރިސްޓޯބަލް ކޮލޮން" އެވެ. މި ޑްރެޖަރު އޮޕަރޭޓް ކުރަނީ ބެލްޖިއަމްގެ ޖޭން ޑި ނަލް ކުންފުނިން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ކްރިސްޓޮބަލް ކޮލޮން އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރުކަން ފާހަގަ ކުރެވެއެވެ.
މި ބޮޑު ޑްރެޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށް އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރަސްމާލެ ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށް ވެސް އެމަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާއިން ވަނީ އިޢުލާން ކޮށްފައެވެ.
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަހައްދުގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާ ދެއްވުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫޢެކެވެ. މި ތަނުގައި ބިނާ ކުރުމަށް ނިންމާފައި ވަނީ ދުނިޔޭގެ ފުރަތަމަ އީކޯ ސިޓީކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)