logologologologo
STO
ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 4 މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 4 މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 07

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 4 މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފިއެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައެވެ.

މަސްތުވާތަކެތީގެ މި ދެ އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެންނެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކުޅުދުއްފުށީގައި ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން 2026 އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަން.ކަރަންފޫގެ / ޏ. ފުވައްމުލައް، މުޙައްމަދު އުމީން (19އ) އާއި ފަހިވާ / ހދ. ކުމުންދޫ، ޢާއިޝަތު ޢަލީ (30އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

 ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން އޮގަސްޓް 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުރަހަ / ހދ. ކުޅުދުއްފުށި، ޙުސައިން ނަޢީމް (44އ) އާއި ބަންޑާރަހިޔާ 002ޕީ / ހދ.ކުޅުދުއްފުށި، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް