ހާމަވޯޓު ނެގުމަކީ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް: ޕީއެންސީ

އަންނަ މަހު ބާއްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކުރިއްސުރެ ބަޔާންކޮށްފައިވާ އުސޫލެއް ކަމަށާއި، އެއީ ކޮންގްރެސްއަށް ހާއްސަކޮށްގެން އަލަށް ހަދާފައިވާ ގަވާއިދެއް ނޫން ކަމަށް އެ ޕާޓީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.
ޕީއެންސީން މިކަން ހާމަކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15-18 އަށް ބާއްވާ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލާން އެ ޕާޓީގެ ވަކި ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކަށް ރައްދު ދެމުންނެވެ.
އަސާސީ ގަވާއިދުގައި އޮތީ ކީކޭ؟
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ ކޮންގްރެސް ނުވަތަ "މަތީ މަޖިލިހުގެ" ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް އަސާސީ ގަވާއިދުގެ ޗެޕްޓަރު 7 ގައި ސަރީހަކޮށް ތަފުސީލުކޮށްފައިވާނެ ކަމަށެވެ.
- މާއްދާ 69 (ހ): ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެންނެވެ.
- މާއްދާ 69 (ށ): މަތީ މަޖިލީހުގައި ޕާޓީގެ މެމްބަރުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަވޯޓެކެވެ.
އެހެންކަމުން ކޮންގްރެސްގައި ނައިބު ރައީސުންނާއި މެމްބަރުން އިންތިހާބު ކުރުމަށް ހާމަވޯޓު ނެގުމަކީ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށްދާ ކަމެއް ކަމަށާއި، އެއީ ކޮންގްރެސް ވިލަރެސްކުރާ ކޮމިޓީން ވަކިން ނިންމި ނިންމުމެއް ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޕީއެންސީން ފާހަގަކުރިއެވެ.
ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުން
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އިންތިހާބު ކުރަންޖެހެނީ 6 ނައިބު ރައީސުންނެވެ. ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންނަކީ:
- މުހައްމަދު ސައީދު — އިކޮނޮމިކް މިނިސްޓަރު
- އަހުމަދު ޝިޔާމް — ފިޝަރީޒް މިނިސްޓަރު
- އަބްދުﷲ ރާފިއު — ސްޕޯޓްސް މިނިސްޓަރު
- އިބްރާހިމް ޝުޖާއު — ބާރަށު ދާއިރާގެ މެމްބަރު
- މުހައްމަދު ހުސައިން ޝަރީފް (މުންދު) — ރައީސް އޮފީހުގެ ތަރުޖަމާނު
- އަސްމާ ރަޝީދު — މާފަންނު މެދު ދާއިރާގެ މެމްބަރު
- ފާތިމަތު ސައުދާ — ނިލަންދޫ ދާއިރާގެ މެންބަރު
މީގެ އިތުރުން، ޕީއެންސީ ވެރިކަމުގައި އޮންނަ ދުވަސްވަރެއް ނަމަ ގައުމުގެ ނައިބު ރައީސާއި، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ އޮޓަމެޓިކުން ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖެހިގެންދާނެ ބޭފުޅުންނެވެ.
އިތުރަށް




.gif.gif&w=828&q=100)