logologologologo
STO
ޚަބަރު

ޕީއެންސިގެ މެމްބަރުންގެ އަދަދު 80 ހާހުން މައްޗަށް އަރައިފި

ޕީއެންސިގެ މެމްބަރުންގެ އަދަދު  80 ހާހުން މައްޗަށް އަރައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 19

ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސިގެ މެމްބަރުންގެ އަދަދު 80 ހާހުން މައްޗަށް އަރައިފިއެވެ.

މި މަހުގެ 15 އިން 18 އަށް ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަން އިޢުލާނު ކުރައްވައިފައެވެ.

މަތީ މަޖިލީސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕީއެންސީގައި 79300 އަށްވުރެ ގިނަ މެމްބަރުން ތިބި ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބުރާހީމް ފަލާޙް ވަނީ ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މީގެ ދެ އަހަރާއި 10 މަސް ކުރިން، ޕީއެންސީ އޮތީ ގާތްގަނޑަކަށް 3،000 މެމްބަރުންނާ އެކުގައި ނަމަވެސް އެ ދުވަހުން ފެށިގެން ޕީއެންސީގެ މެމްބަރުން އިތުރު ކުރުމަށް ޕާޓީގެ މެމްބަރުން ވަރަށް ވަރުގަދަ ރޫހެއްގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"ކުރަމުންދާ މަސައްކަތް ހަމަ ހުއްޓާނުލައި ފަތު އަޑުގައި، ބާރު ސްޕީޑްގައި ދަމުން، ދަމުން ގޮސް މިރޭ މިހިސާބަށް 80،083 މެމްބަރުން އެބަތިބި." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަށް ވަންނަ ކޮންމެ މީހަކު، ވެސް އެ ޕާޓީގެ "އެންމެ ފުރަތަމަ ޤައުމު" ފަލްސަފާ ގަބޫލު ކުރައްވާ ކަމަށެވެ. އެ ސިޔާސަތު ގަބޫލުކޮށް ޤައުމަށް ހަމަޖެހުމާއި ތަރައްޤީ އާއި ރައްކާތެރިކަން ގެނައުމަށް ޕާޓީއާ ގުޅުނު ހުރިހާ މެމްބަރުންނަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ޝުކުރު އަދާކުރައްވައިފައެވެ.

ޕީއެންސީގެ ޝިއާރަކީ "އެންމެ ފުރަތަމަ ޤައުމު" ކަމަށްވާއިރު، އެ ޝިއާރުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި ޕީއެންސީގެ ފިކުރަކީ ޚިޔާލު ތަފާތުވުމެއް ނެތް ފިކުރެއް ކަމަށެވެ. އެއީ ވަރަށް ސާފު ފިކުރެއް ކަމަށާއި އެއީ އެންމެ ޒުވާން ކުއްޖާއަށް ވެސް ވަރަށް ފަސޭހައިން ގަބޫލުކުރެވޭ ސިޔާސީ ފަލްސަފާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ޤައުމު" މިއީ ކިތަންމެ ކުޑަކުޑަ އިބާރާތަކަށް ވިޔަސް އެއީ މި ޤައުމުގެ ދެމިއޮތުމާއި ނެތުމާއި ބުނެދޭ އިބާރާތެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޤައުމީ އަބުޠާލުން އެންމެ ފުރަތަމަ އިސްކުރެއްވީ އަމިއްލަ މަސްލަޙަތު ނޫން ކަމަށާއި މިއަދު މިނިވަންކަމާއެކީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބުނީ ޤައުމަށްޓަކައި ޖިހާދުވި އަބުޠާލުން އެންމެ ފުރަތަމަ ޤައުމު އިސްކުރުމުން ކަމަށެވެ. ކުރިޔަށް އޮތް ޖީލަށްވެސް މި މިނިވަންކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ޤައުމު ޝިއާރު ޕީއެންސީން ޚިޔާރުކުރި އިރު، ޕާޓީތެރޭގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތްކަން ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ މަތީ މަޖިލީސް ނިންމުމުގެ ޙަފްލާގައި ޕާޓީގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފައެވެ. 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވީ، އެމަނިކުފާނަށް ޓިކެޓް އެރުވުމަށް ޕާޓީގެ އާންމު މެމްބަރަކު މަތީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު، 1119 މެމްބަރުންގެ އިއްތިފާގުން ފާސްވުމާއި ގުޅިގެންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް