ރާއްޖޭގެ މަހުގެ އުފެއްދުންތައް ތުރުކީގެ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ މަގު ފަހިވެއްޖެ: ސަޢީދު

ރާއްޖޭގެ މަހުގެ އުފެއްދުންތައް ތުރުކީގެ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ މަގު ފަހިވެއްޖެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓަށް މިއަދު ޢަމަލުކުރަން ފެށުމާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ސަޢީދު ވިދާޅުވީ މިއަދު، 1 އޯގަސްޓް 2026 ގައި، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ވެވިފައިވާ "ޕްރެފަރެންޝަލް ޓްރޭޑް އެގްރީމަންޓް" (އެމްޓީޕީޓީއޭ) އަށް ޢަމަލުކުރަން ފެށުމަކީ، ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ޙާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
"އަދި މިއީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީގެ ޢިއްޒަތްތެރި ރައީސް އުރުދުޣާންގެ ދުރުވިސްނުންފުޅުގެ މައްޗަށް ބިނާވެގެން އައި އުފާވެރި ވަގުތުކޮޅެކެވެ." ވަޒީރުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 75 ޓެރިފް ރޭންޖަކުން ކަސްޓަމްސް ޑިއުޓީގެ ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މިއާއެކު 85 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް ތުރުކީގެ ބާޒާރަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށެވެ.
ހަމައެހެންމެ ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ އުފެއްދުންތަކާއި އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ މި ފެށުނު އާ ބާބާއެކު، ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)