logologologologo
STO
ޚަބަރު

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަނަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަނަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 31

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން، އޭބީއޭގެ ޗެއާމަންގެ މަޤާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފިއެވެ.

މި މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

ބީއެމްއެލްއިން ބުނީ މިއީ މި މަޤާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.

މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑަރޝިޕްގައި ޚިދުމަތްކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ވަނީ މަސައްކަތްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ޔަޤީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަޤާމަށް ވަނީ އައްޔަންކުރައްވާފައެވެ.

"އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އަޅުގަނޑަށް ކުރައްވާފައިވާ އިތުބާރަށްޓަކައި ނުހަނު ޝުކުރުވެރިވަން. އަޅުގަނޑުގެ ތަޖުރިބާއާއެކު މި މަޤާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް. އަދި އަޅިގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން."މި މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވިއެވެ.

ޗެއާމަންކަމުގެ މަޤާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތަށް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިންގ ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ދެއްވިއެވެ.

1981ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.

އޭބީއޭ އިން ޝަރީފް މި މަޤާމަށް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަރޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ. އަދި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން އެމަނިކުފާނުގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދެއެވެ.

މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް