logologologologo
STO
ޚަބަރު

މިހާތަނަށް ދޫކުރާ އެންމެ ކުޑަ ރޭޓާއެކު، ސަފާރީ އުޅަނދަށް ޚާއްސަ ލޯނެއް ބީއެމްއެލްއިން ތައާރަފުކޮށްފި

މިހާތަނަށް ދޫކުރާ އެންމެ ކުޑަ ރޭޓާއެކު، ސަފާރީ އުޅަނދަށް ޚާއްސަ ލޯނެއް ބީއެމްއެލްއިން ތައާރަފުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 29

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން "ލިވަބޯޑް ފައިނޭންސް" މިއަދު ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށާއި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެ ކަމަށެވެ.

މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެކެވެ. މީގެ އިތުރުން، މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އަދި އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. މީގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ.

"ލިވަބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ. މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ، އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް. ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ޚިދުމަތަކީ، މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް. މީގެ ސަބަބުން، އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ. މިއީ ދިވެހި އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް." މިފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މިފައިނޭންސިންގެ ސަބަބުން، ފްލީޓް އާކުރުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާކާރު އޮޕަރޭޓަރުންނަށާއި، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެކެވެ.

މި ލޯނާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޢާއިޝަތު ޢަފްޝަން، ސްޓްރެޓިޖިކް ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް، ފޯން: 3015315 އަށް ގުޅުއްވުމަށް ބީއެމްއެލްއިން އެދިފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް